މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މި ކުއްލި މައްސަލަ ހުށަހެޅީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޖިލީހުގެ ދައުރުގެ ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު ހެނދުނު ފެށުމާއެކުއެވެ.
ޖާބިރު ވިދާޅުވީ، މާލެއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ ހިނގަމުންދާ ރަށް ކަމަށްވީއިރު، އެ އާބާދީގެ ސަލަމަތާ ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތުގައި އެޅިފައި ނެތުމުން ނަތީޖާއެއްގެ ގޮތުން މިިދޔަ ހުކުރު ދުވަހު 6 ގެއާއި 4 ގުދަން އަދައިގެން ގޮސް 43 ގެއަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން 400 އަށްވުރެ ގިނަ މީހުން ނިކަމެތިވެ ހާލުގައިޖެހި، ދިރިއުޅުމަށް ހޯދާފައިވާ އެންމެހާ މުދާތައް އަނދައިގެން ގޮސް، އެކެއްގެ ފުރާނަ ގޮސްފައިވާއިރު، އެ ހާދިސާއަށް 24 ގަޑިއިރު ނުވަނީސް މާލޭގައި އަނެއްކާ ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ.
ޖާބިރު ވިދާޅުވީ މިއީ ސަރުކާރު ކަމާބެހޭ ފަރާތްތަކުން މިހާރުން މިހާރަށް ފިޔަވަޅު އަޅާ ކޮންމެ ގޮތަކުންވިޔަސް އަވަސް ހައްލެއް ގެންނަން ޖެެހޭ ކަމެއް ކަމަށެވެ. އަދި އެތައް ބައެއްގެ ގެދޮރާއި މުދަލާއި އެތައްބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާ ލިބޭ މާލޭގައި ތަކުރާރުކޮށް ހިނގަމުން އަންނަ ބިރުވެރި މައްސަލައެއް ކަމަށް ޖާބިރު ސިފަކުރެއްވިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 80 އަށް ވުރެ ގިނަ އާއިލާ ހާލުގައި ޖެހިފައިވާއިރު އެ އާއިލާތަަކށް ވަގުތީ ބޯހިޔާ ވެހިކަމާއި އެންމއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާމެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.
ރޯވި އިމާރާތްތަކުގެ އަލިފާނގަނޑު ކޮންޓްރޯލް ކުރެވުނީ ހަތަރު ގަޑިއިރަށް ވުރެ ގިން ވަގުތުގެ ބުރަ މަސައްކަތުންނެވެ. މި ހާދިސާގައި 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ. ޝައުނާ ނިޔާވީ އަލިފާނުގެ ހާދިސާ ހިނގި ގެއެއްގައި ތާށިވެ ނުނިކުމެ ވުމުގެ ސަބަބުންނެވެ.