މިހާރު ވެރިކަން ކުރާ ސަރުކާރުން 'ބްލޭމް ގޭމް' ހުއްޓާލަން ވެއްޖެކަމަށާއި، އެފަދަ ކަމެއް ދެއްކޭނެ އަސާސެއް ސަރުކާރުގައި ނެތްކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭގަ ހިނގައިދިޔަ ހާދިސާއާއި ގުޅިގެން، އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރުން ބްލޭމް ގޭމް ހުއްޓާލަންޖެހޭ ކަމަށާއި، އެމީހުންނަށް ބްލޭމް ދެއްކޭނެ އަސާސެއް ނެތް ކަމަށެވެ. އަދި ސަރުކާރުން މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރައްވާ، ޒިންމާދާރުވެ، ރައްޔިތުންނަށް ހިދުމަތް ކުރައްވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަށް މަސައްކަތް ނުކުރެވޭނަމަ ދެންވެސް ފޫ ނުބެއްދޭވަރުގެ ހިތާމަތައް ކުރިމަތިވެދާނެ. އެއީ ދިވެހި ރައްޔިތުން ބޭނުންވާނެގޮތެއް ނޫން،"
މުއިއްޒު

މާލޭގެ ހުޅަނގު ދެކުނު ފަޅީގައި ހިއްކާފައިވާ އިންޑަސްޓްރިއަލް ވިލެޖްގައި ގުދަން ބަދަލުކުރަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ސަރުކާރުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަންޖެހޭނެ ފަދަ ތަންތަން ބަދަލުކުރުމަށް ހަތް ހެކްޓަރުގެ ބިން ރައީސް ޔާމީންގެ ސަރުކާރުން ހިއްކާ ތަރައްގީކުރުމުގެ މަސައްކަތް ކޮށް، ގުދަންތައް އެޅުމަށް ސަރުކާރުގެ ބަޖެޓުން ހަރަދު ނުކޮށް އެކަން ކުރުމަށްޓަކައި އެމްޕީއެލްއާއި ހަވާލުކުރެވިގެން ދިޔަ ކަމަށެވެ.

އަދި އެމްޕީއެލްއިން ފައިސާ ހޯދައިގެން އެކަން ކުރުމުން ދިޔަކަމަށާއި، ސަރުކާރު ބަދަލުވި އިރު ފައިސާގެ ހުރިހާ ކަމެއް ވެސް ނިމި ބަޔަކާއެކު އެގްރީމެންޓް ހަދާ މަސައްކަތް ވެސް ފަށަން ތައްޔާރުވެފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އެ ހިސާބަށް ގޮސްފައި އޮއްވާ ވެރިކަން ބަދަލުވީ. އެފަހުން 10 މަސް މިވީ. އެހެންވީމަ މި ސަރުކާރާ މި ސުވާލުކުރަން ޖެހޭ. އަޅުގަނޑުމެން ހަދާފައި ހުރި ހުރިހާ ދިރާސާއެއް ޓްރާންސިޝަނަލް ޕީރިއަޑްގައި އަޅުގަނޑުމެން އެބޭފުޅުންގެ އަތަށް ދިނިން. ކިތައް ގުދަންތޯ މާލޭގައި ހުރީ ކޮންވައްތަރެއްގެ ގުދަންތޯ ހުރީ. އިންޑަސްޓްރިއަލް ވިލެޖްގައި ގުދަން ހެދުމަށް އުސޫލެއް ނެތްކަމަށް ސަރުކާރުން ހަދަނީ ދޮގު. އަޅުގަނޑުމެން ޕްލޭންހަދާ ކުރެހުން ހަދާ އެމްޕީއެލްއިން އެއަށް ފައިސާ ހޯދާ ބަޔަކާ ހަވާލުކުރަން ތައްޔާރުވެފައި އޮތީ،"
މުއިއްޒު

މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ޕްލޭންގައި ހުންނާނީ ހަމައެކަނި ކެމިކަލް ގުދަން އެކަނި ބަދަލުކުރަން ނޫން ކަމަށާއި، އެ ޕްލޭންގައި ލަކުޑި ގުދަނާއި ފިޔާ ގުދަން އަދި އާންމު ދިރިއުޅުމަށް އުނދަގޫވާނެ ހުރިހާ ވޯކްޝޮޕްތަކާއި ގުދަންތައް ބަދަލުކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.