ރޭ އިރާކޮޅު ހެންވޭރު އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ، މިފަަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔާކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި އެފަދަ ކަންތައްތަކުރާރު ވިޔަނުދިނުމުގެ ގޮތުން މީހުން ދިރިއުޅޭ ތަންތަނުގައި ބަހައްޓާފައި ހުރި ގުދަންތައް އެންމެހައި މުއައްސަސާތަކާ ގުޅިގެން މީހުން ދިރިނޫޅޭ ހިސާބަކަށް ބަދަލުކުރުމުގެ ކަންތައްތައް ވީހާވެސް އަވަހަށް ކޮށްދިނުމަށް ކައުންސިލުން ވަނީ ގޮވާލައިފައެވެ.

ހ. އާބާދުގޭގައި އަލިފާން ރޯވެފައި، އެމްއެންޑިއެފުން އަދިވެސް ދަނީ އަލިފާން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން / ފޮޓޯ: ޓްވިޓާ

އެ ހާދިސާގައި ތ. ބުރުނި، އައިޝަތު ޝައުނާ ކިޔާ އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. ޝައުނާ ނިޔާވެގެން ދިޔުމަކީ އެކައުންސިލުން އެކަމާއި ހިތާމާކުރާ ކަމެއްކަން ފާހަގަކުރަމުން މާލެ ސިޓީ ކައުންސިލުން ވަނީ ޝައުނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި އެ ހާދިސާގައި ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެހެން ނަމަވެސް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ހާމައެއް ނުކުރެއެވެ.

ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާއި ސިޓީ ކައުންސިލާއެކު މިއަދު މުލީއާގޭގައި ބޭއްވެވި ބައްދުލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓުމަށް އަންގަވާފައެވެ. މިފަދައިން ރައީސް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އަލިފާން ނިއްވުމުގައި ބޭނުންކުރާ ހޮޅި އާންމުން އަތްމައްޗަށް ލައިގެން / ފޮޓޯ: އައިޝަތު ޝާޒްލީން | ދަޕްރެސް

ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެގެންނެވެ. އެއީ ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަނެކެވެ. މި ހާދިސާގައި އަލިފާންގަނޑު ފެތުރި އިތުރު ހަ ގެއަކަށް އަލިފާންގަނޑު ފެތުރުނެވެ. މިހާދިސާގައި އަސަރުކުރި 400 އަށް ވުރެ ގިނަ މީހުން ވަނީ މި ހާދިސާއާ ގުޅިގެން އެކުލަވާލާފައިވާ ވަގުތީ ހިޔާގައި ރަޖިސްޓްރީ ކޮށްފައެވެ.