މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ ކައުންސިލާއެކު މިއަދު މުލީއާގޭގައި ބޭއްވެވި ބައްދުލުވުމުގައި ރައީސް އެގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ވަނީ މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މައުލޫމާތު ތަކެއް ރައީސްއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމްއެންޑީއެފްގެ ހުށަހެޅުމުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ގަވާއިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވާއިދެއް މިހާރު އެކުލަވާލާ ގެޒެޓްކުރުމުގެ މަރުހަލާގައި ވާކަންވެސް އެމްއެންޑީއެފުން ފާހަގަކުރިއެވެ. އެ ގަވާއިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް އަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މަޝްވަރާ ދެއްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ވަނީ ރޭގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުން ފިލުއްވައި އެމީހުންގެ ނިދުމާއި ކެއިންބުއިމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އެގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައިވެއެވެ.
ރޭގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިން އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކުރެއެވެ. އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދޭނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށްވެސް އެސެންޓަރުން ހާމަކުރެއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.