ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކެމިކަލް ގެންގުޅެމުން އަންނަ ބައެއް މީހުން އެ ކެމިކަލްތައް މީހުން އުޅޭ ސަރަހައްދުތަކުން ބޭރު ކުރަން ފަށައިފިއެވެ.

ހ. ތިލަފުށީ ގޭގައު ހުރި ގުދަަނަކީ ކެމިކަލްތަކެއް ބަހައްޓާފައި ހުރި ގުދަނެކެވެ. އެމްއެންޑީއެފްއިން ރޭ ބުނީ އަލިފާންގަނޑު އެހާ ބޮޑަށް ރޯވެގެން ދިޔައީވެސް އެއީ ކެމިކަލް ތަކަކަށްވުމުން ކަމަށެވެ. ރޭގެ އެ ހާދިސާގައި ރޯވި ހަތަރު ގުދަނުގެ އިތުރުން ހަތް ގެއެއްވެސް ވަނީ އަނދާ ހުލިވެފައެވެ. މި ހާދިސާގައި އަންހެނަކު މަރުވިއިރު އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ބައެއް މީހުން އަންނަނީ ކެމިކަލް ބަހައްޓާފައި ހުންނަ ގުދަންތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ގެންދިއުމަށް ގޮވާލަމުންނެވެ. އެގޮތުން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގ. ފެހިމާގެ ނަމަކަށް ކިޔާ ގެއެއްގައި ހުރި ގުދަނެއް ތެރޭ ހުރި ފީފާތަކެއް ނެރެމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީވެސް ކެމިކަލް އަޅާފައި ހުރި ނުވަތަ ހުޅުހިފާ ޒާތުގެ ކެމިކަލްތަކެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މާލޭގައި އެފަދަ ކެމިކަލް ގުދަންތަކެއް ހުރުމަކީ ވަރަަށް ނުރައްކާތެރި ކަމެއްކަމަށާއި، ސަރުކާރު ވެރިކަމާ ހަވާލުވެ، ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރިކަމަށެވެ. އެގޮތުން މާލޭގައި ހުރި 126 ގުދަނެއް ޗެކްކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ގުދަންތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެގުދަންތަކުގައި ރަނގަޅު ކުރަންޖެހޭ ކަންތައް ފާހަނގަކުރެވިފައި ހުރި ނަމަ އެކަންކަން ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭ ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ރޭ ހިނގާދިޔަ ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް ވިހާ އަވަހަކަށް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.