ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވީ ސަރުކާރުގެ މަޝްރޫއުތަކުގެ ލަސްކަމެއް އުޅޭ ވާހަކަ ނޫން ކަމަށް ވިދާޅުވެ އެރޭ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު އަމިއްލަފުޅަށް ރައްޔިތުންނަށް މާނަ ކޮށްދެއްވައިފިއެވެ.

މި މަހުގެ 13ވަނަ ދުވަހުގެ ރޭ ނަޝީދުގެ ދާއިރާ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ''ޓައިމްލެގެއް'' ނުވަތަ ލަސްކަމެއް އުޅޭ ކަމަށް ހީފުޅުވެވަޑައިގެންފައިވާ ކަމަށެވެ.

ސަރުކާރުގެ ސްޕީޑް ލަސް ވަނީ ކީއްވެކަން ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައެއް ފަހަރު އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ލަސްވުން ދިމާވާ ކަމަށާއި، ފަރުވާކުޑަކަމުންނާއި، ކަންކަމާއި އަޅާނުލެވޭތީ އަދި ކަންކަން ނުބަލަހައްޓާތީ ވެސް ލަސްވުން ދިމާވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހާ އެއްވަރަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ދެންނެވީ ބައެއް އިދާރީ ހިންގުމުގައި ލަސްތަކެއް އުޅޭ ކަމުގެ ވާހަކަ ކަމަށެވެ. މަޝްރޫއުތައް ލަސް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އެގޮތުން މަޖިލިސް މިހާރު ހިނގަނީ ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއިން ދުވަހަކު ސަރުކާރަކުން ރައްޔިތުންގެ މަޖިލީހަށްވެސް އެއްބާރުލުން ނުދޭ މިއަދުގެ ސަރުކާރުން އެއްބާރުލުން ދެމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.