އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދާއި މުހައްމަދު އަނަސް އަދި ބަންގާޅުގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލަ ބަލާ ރިޕޯޓް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައިގެ ރިޕޯޓް ނިމިފައިވީ ނަމަވެސް، އެ މައްސަލައަކީ ކޯޓުގައި ކުރިއަށްދާ މައްސަލައެއްކަމަށް ވާތީ އަދި އެ ރިޕޯޓް ހާމަނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މި މަހުގެ ފަހުކޮޅު އެ މައްސަލަ ކޯޓުން ނިމުމުން ޔާމީންގެ މަރުގެ މައްސަލައިގެ ރިޕޯޓް އާންމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރ. މީދޫ، މުހައްމަދު އަނަސްގެ މަރުގެ މައްސަލަ އަދި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލަ ވެސް ބަލާ ނިމިފައިވާ ކަމަށާއި، އެ މައްސަލައިގެ ރިޕޯޓް ވެސް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން ގެއްލުވާލާފައިވާ މީހުންނާއި މަރަލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން، އެ ކޮމިޝަނުން ވަނީ މީގެ ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މަރާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށް، އޭނާ މަރާލި ގޮތާ ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އަދި ރިޟްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުހުމަށް ޕީޖީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.