ދިވެހިރާއްޖޭގެ ތަރައްގީގައި ޗައިނާ އަކީ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، ދެ ގައުމުގެ ގުޅުން ބަދަހީކުރުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް އާއި މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާ ބައްދަލުކުރެއްވީ، ޝާހިދު އެގައުމަށް ކުރައްވާ ދެ ދުވަހު ދަތުރުގެ ތެރެއިން މިއަދު ހެނދުނުއެވެ.

ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސްއާއި މިނިސްޓަރު ޝާހިދު ވަނީ ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރު ޝާހިދުގެ ވާހަކަައިގައި ޗައިނާއަށް އައިސްފައިވާ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް މަރުހަބާ ދެންނެވިއެވެ.

އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުހަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ދިވެހިރާއްޖެއަކީ މުހިއްމު ގައުމެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ޗައިނާއަށް ވަޑައިގެންފައި މިވަނީ ރަަސްމީ ދަތުރެއްގައެވެ. މިނިސްޓަރު ޝާހިދުގެ އަރިހުގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލް، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އަދި އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގެވެ.