ފުލުހުންގެ މުއައްސަސާ ރިފޯމް ނުކުރޭތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ އީވާން ނަސީމުގެ މަރަށް 16 އަހަރުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އީވާން ނަސީމް މަރުވެފައި ވަނީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ސެޕްޓެމްބަރު 19، 2003 ގައެވެ. މި ހާދިސާގައި އެއިރުގެ ނެޝަނަލް ސެކިއުރިޓީ ސާވިސް އިން ބަޑިވެސް ޖެހިއެވެ.

ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީގެ 15 އަހަރު ކުރިން ނެޝަނަލް ސެކިއުރިޓީ ސާވިސްގެ ފުލުހުންގެ ޑިވިޝަނުން، ޖަލުގައި އީވާން ނަސީމަށް އަނިޔާކޮށް މަރާލާފައިވާ ކަމަށެވެ. އަދި އީވާން ނަސީމްގެ މަރާ ގުޅިގެން ޖަލުގައި މުޒާހަރާކުރި ގައިދީންގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށެވެ.

"މި މަރުވެގެން ދިޔައީ މާލޭގައި މީހުން މުޒާހަރާއަށް ނުކުތުން އަދި ޑިމޮކްރަސީ މޫމެންޓްގެ ފެށުން. ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތް އަވަސް ނުވާތީ ކަންބޮޑުވޭ،"
ރައީސް، ރައީސް މުހައްމަދު ނަޝީދު

ފަހަކަށް އައިސް ނަޝީދު ގެންދަވަނީ ފުލުހުންގެ މުއައްސަސާއަށް އެކި ގޮތްގޮތުން ފާޑުވިދާޅުވަމުންނެވެ. އަދި ފުލުހުންގެ މުއައްސަސާއިން އެމަނިކުފާނަށް ފާރަލަމުންދާކަމަށް ވިދާޅުވެ ދާދިފަހުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވަފާއެވެ.

އީވާން ނަސީމް ޖަލުގައިި މަރުވި ހާދިސާއާއި، ޖަލުގައި ހަޅުތާލު ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅުގައެވެ. މިއީ ފަހުގެ ތާރީހެއްގައި ޖަލުގައި ހިނގައިދިޔަ މިފަދަ ހިތާމަވެރި ހާދިސާއެވެ.

އީވާން ނަސީމް މަރާލައި، އެކަމާ ދެކޮޅަށް އިޖުތިޖާޖުކުރި ގައިދީންގެ ތެރެއަށް ”ވަޔަށް، ޖައްވަށް ފަޒާއަށް ޖެހި އުންޑަތަކުން” އެތައް ގައިދީންނެއް މަރުވެ، އެތައް ބަޔަކަށް ބޮޑެތި ލާ އިންސާނީ އަނިޔާދީފައިވާތީ އެމްޑީޕީން އަންނަނީ ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރަމުންނެވެ.