ކަޝްމީރުގެ އިންޑިޔާއާ ވީ ފަޅީގައި ތަންފީޒުކުރަމުންދާ 'ކާފިއު' އުވާނުލާހާ ހިނދަނކު، އިންޑިޔާއާ އެކު މަޝްވަރާކުރާނެ ފުރުސަތެއް ނެތްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނާ އަފްގާނިސްތާނު ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި ހުންނަވާ، ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިންޑިޔާއާ ވާހަކަ ދެއްކެން އޮތީ ކަޝްމީރުގައި ތަންފީޒުކުރަމުންދާ ކާފިއު އުވާލައިގެން ކަމަށެވެ.

ކަންމިހެން އޮތްއިރު ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ކާފިއު އިއުލާންކޮށްފައި ނުވާނެ ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ. އަދި ޕާކިސްތާނުން އިދާރީ ކަންކަން ބަލަހައްޓަމުންދާ ކަޝްމީރުގެ ފަޅިއަކީވެސް އިންޑިއާގެ ހައްގެއް ކަމަށާއި، ކޮންމެވެސް ދުވަހަކުން އިންޑިއާގެ މިލްކިއްޔާތާއި ބާރާއި، އިހުތިސޯސްގެ ދަށަށް އެ ސަރަހައްދުވެސް ވަންނާނެ ކަމުގެ އުއްމީދު އެގައުމަށް އެބައޮތް ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

ޖައްމުއާއި ކަޝްމީރުގެ ފުރިހަމަ މިލްކުވެރިކަމަށް އިންޑިއާއާއި ޕާކިސްތާނުން އަދިވެސް ތަޅާފޮޅަމުންދާއިރު، މިއިން ދުވަހަކު މިމައްސަލައަށް އަވަސް ހަލެއް ލިބިދާނެ ކަމުގެ އަލި މަގެއް އަދި ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނުން އަމިއްލައަށް މަޝްވަރާކޮށްގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ބުނަމުންނެވެ. މިކަމުގެ ތެރެއަށް 3 ވަނަ ގައުމަކުން ނުވަނުމަށް އިންޑިއާއިން ގޮވާލަމުންދާއިރު، ޕާކިސްތާނުން ދަނީ ކަޝްމީރުގެ މައްސަލަ "ބައިނަލްއަގުވާމީ" ކުރުމަށް ކެނޑިނޭޅީ މަސައްކަތްކުރަމުންނެވެ.