ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި ހުކުމްކުރުން މިއަދު 2:00 ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

އަދީބު ފިއްލަވަން އުޅުއްވަނިކޮށް ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ އެއްވަަނަ ދުވަހު އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިންނެވެ. މި މައްސަލައިގައި ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ، މިދިޔަ މަހު 27 ވަނަ ދުވަހު އަދީބުގެ މައްޗަށް އުފުލާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުދަ ދުވަހު ބޭއްވި އިރު، މައްސަލަ ބައްލަވާ ގާޒީ ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން އަދީބު ކުށަށް އިއުތިރާފް ވެވަޑައިގެންފައި ވާތީ، އަވަސް ނިޔާއެއް ކަނޑައެޅުމަށްޓަކައި ދެން އަންނަ އަޑުއެހުމެއް ފަސް ދުވަސް ތެރޭގައި ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. މި ކުށަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށްވުމުން، ދައުވާ ސާބިތުވެއްޖެ ނަމަ، އަދީބަށް، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އަދީބު ކުށަށް އިއުތިރާފު ވެވަޑައިގެންފި ނަމަ، ހުކުމް ތިން މަހާއި 18 ދުވަހަށް ކުރު ވެގެން ދާނެއެވެ.

އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެވަޑައިގެން މައާފަށް ވެސް އެދިވަޑައިގެންފައެވެ. އަދި ފިއްލަވަން މަސައްކަތް ކުރެއްވީ، ފުރާނައަށް ނުރައްކާވެވަޑައިގެން މަޖުބޫރުފުޅު ވެގެން ކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރައްވާނެ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމުން އަނބުރާ ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނައީ ދިވެހި ފުލުހުންނާއި ސިފައިންނެވެ. އަދި އެރޭ އޭނާ ރާއްޖެ ގެނައި ގޮތަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށްވެސް ގެންދިޔައެވެ. ނަމަވެސް އެރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭނާ ދޫކޮށްލާފައިވަނީ އަދީބު ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަނެއްކާވެސް އަދީބު ހައްޔަރު ކޮށް އޭނާ ދޫނިދޫއަށް ގެންދިޔައެވެ.

ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ދައުލަތުން ވަނީ އެ މައްސަލައިގައި އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި ފިއްލަވާފާނެ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި ދައުލަތުގެ އެދުމުގެ މަތިން ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފައެވެ. ޖަލު ބަންދުގައި ހުންނެވުމަށްފަހު ޓެގު އަޅުވާ، އަދީބު ގެއަށް ބަދަލު ކޮށްފައިވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި ހާލަތަށް ބެލުމަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ.