ސަރަހައްދީ ފެންވަރުގައި އުފެދިފައިވާ ހުރިހާ މައްސަލައެއް ހައްލުކުރުމަށްޓަކައި ޕާކިސްތާނާ އިންޑިއާއާއި ދެމެދު މަޝްވަރާގެ ވާހަކަތައް ބޭއްވުން މުހިންމު ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އދގެ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމަށް ވަގުތު ކުޑަތަންވެފައިވަނުކޮށް ގުޓެރޭޒް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ކަޝްމީރުގެ މައްސަލަ އދގައި ނަންގަނަވާނެ ކަމުގެ އިންޒާރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ގުޓެރޭޒް ވިދާޅުވީ، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމީ ސާފުކޮށް ފެންނަން އޮތް ފިކުރެއް ކަމަށާ، މިމައްސަލައަށް ހައްލެއް ބޭނުންވާއިރު އެކަމަކަށް އޮތް އެންމެ އަސާސީ ކަމަކީ އިންޑިއާއާއި ޕާކިސްތާނުގެ މަޝްވަރާތައް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އދގެ މިންގަނޑަކީ ހެޔޮވެރިކަމުގެ ސަރުކާރެއް ކަމަށާއި، އެކަން ތަންފީޒުވާން އަންނަނީ ގައުމުތަކުން އެކަން ބަލައިގެން ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނާ އިންޑިއާއާއި ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް ތިންވަނަ ފަރާތަކުން ނުވަނުމަށް އިންޑިއާއިން ދަނީ ތަކުރާރުކޮށް ޑިމާންޑްކުރަމުންނެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު އެކުލަވާލާފައިވާ ލޯހްރް ޑެކްލަރޭޝަންއާއި ޝިމްލާ އެއްބަސްވުމަކީވެސް މިކަމަށް ބާރުދޭ އެއްބަސްވުންތަކެއްކަން އިންޑިއާއިން ދަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ހަނދާންކޮށްދެމުންނެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މަތީ ފެންވަރުގެ ބައްދަލުވުމާ އިސް ލީޑަރުންގެ އާންމު ބަހުސް ފެށިގެން ދާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ފަރާތުން ތަގުރާރިކުރައްވަނީ ބޮޑުވަޒީރުން އިމްރާން ހާންއެވެ. އިންޑިއާގެ ފަރާތުން ތަގުރީރުކުރައްވަނީ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ.