ޕާކިސްތާނުން ގެއްލިގެން ހޯދަމުންދިޔަ ކުޑަ 3 ފިރިހެން ކުދިންގެ ހަށިގަނޑު ފެނުމާއެކު އާންމުންގެ ގިނަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ.

ޕާކިސްތާނުގެ ކަސޯރު ޑިސްޓްރިކްޓުން ގެއްލުނު 3 ކުދިންގެ ހަށިގަނޑު ފެނިފައި ވާއިރު، މީގެ ތެރެއިން އެއް ކުއްޖަކު މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހުގައިކަން ޕާކިސްތާނުގެ ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއީ އުމުރުން އެންމެ 8 އަހަރުގެ ކުއްޖެއް ކަމަށާ، މި ކުއްޖާގެ ކަނދުރާވެސް ބިންދާލާފައި ވާކަން ފުލުހުންވަނީ ކަށަވަރު ކޮށްދީފައެވެ.

އަނެއް 2 ކުދިންގެ ޕޯސްޓްމޯޓަމް ރިޕޯޓް އަދި ލިބިފައި ނުވާކަމަށް ޚަބަރު ލިބެއެވެ.

ޕަންޖާބު ޕްރޮވިންސްގައި އޮންނަ ކަސޯރު ޑިސްޓްރިކްޓްގައި މިފަހަކަށް އައިސް ކުދިން ވަގަށް ނެގުމާ، ރޭޕްކުރުމާ މެރުންވަނީ އިތުރުވެފައެވެ.

މިފަހުން މަރާލާފައި އޮއްވާ ފެނުނު 3 ފިރިހެން ކުދިންނަކީވެސް އުމުރުން 10 އަހަރުން ދަށުގެ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. 3 ކުދިންގެ ހަށިގަނޑު ފެނިފައި ވާއިރު އިތުރު 2 ކުއްޖަކަށް ވީ ގޮތެއް އަދިވެސް ސާފެއް ނުވެއެވެ. 3 ކުދިންގެ ހަށިގަނޑު ހޯދާފައިވަނީ ސިނާއީ މަސައްކަތްތައް ކުރިއަށްދިޔަ ސަރަހައްދެއްގައި ހުރި ވެލިފުނިތަކެއްގެ ތެރެއިންނެވެ. މިމައްސަލާގައި ޕާކިސްތާނުގެ ފުލުހުން ވަނީ، ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

2018 ވަނަ އަހަރު މުޅި ދުނިޔެ ރޮއްވާލި ޒައިނަބުގެ ރޭޕްއާއި މަރުގެ ހާދިސާވެސް ހިނގީ މި ސަރަހައްދުގައެވެ. ޒައިނަބުގެ މަރާ ގުޅިގެން، ކުޑަކުދިން ރޭޕްކުރުމާ މެރުމުގެ މައްސަލައަށް ޕާކިސްތާނުން ހާއްސަ ސަމާލުކަމެއް ދޭން ފެށި ނަމަވެސް އަދާޖެހެންދެކަށްވެސް މިމައްސަލައަށް ފުރިހަމަ ހައްލެއް ހޯދިފައެއް ނުވެއެވެ. ޕާކިސްތާނުގެ ފުލުހުން މިކަމަށް ނުކުޅެދިފައިވާކަމަށް ބުނެ، އާންމުންދަނީ ފުލުހުންނާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ޒައިނަބުގެ ކޭހުގައިވެސް، ޝަރިޔަތަށް ގާތިލު ހާޒިރުކުރީ އާއިލާއިންކުރި މަސައްކަތުން ހޯދި ސީސީޓީވީ ފުޓޭޖުގެ އެހީގައެވެ. އެފަހަރުވެސް އެކަން ކުރުމަށް ޕާކިސްތާނުގެ ފުލުހުން އޮތީ ފެއިލްވެފައެވެ. ޒައިނަބުގެ ގާތިލުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.