މަޑު ދުވެއްޔެއްގައި ނަމަވެސް، ނަފްސާނީ ބަލިތަކާ އެބަލިތަކުގެ ފަރުވާއަށް މުޖުތަމައު ހޭލުންތެރިވަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. މިއީ ހެޔޮ ފާލަކަށް ވީ ނަމަވެސް ކުރިމަތިވާ އިތުރު މައްސަލައެއް އެބައޮތެވެ. އެއީ ނަފްސާނީ ބަލީގެ ފަރުވާގެ މަރުހަލާތަކުގައި ހިދުމަތްދޭ ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންގެ ފަރަގު ވަކިކުރަން ނޭނގި، އެހީ ބޭނުންވާ މީހުންނަށް ބޮޑެތި އޮޅުންތަކެއް އަރަމުންދާ މައްސަލައެވެ.

ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނަކީ އިންސާނާގެ ސިކުނޑި މަސައްކަތްކުރާ ގޮތާ، އިހުސާސްތަކާ ފިކުރާ ޖަޒުބާތުތައް ދެނެގަންނަ ބައެކެވެ. ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނަކީވެސް ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ކުރަމުންދާ ސިއްހީ ފަންނުވެރި، ތަޖުރިބާކާރުންނެވެ.

ނަމަވެސް މި 2 ފަންނުގައި ވަރަށް ބޮޑެތި ފަރަގުތަކެއްވެއެވެ. ސައިކޭޓްރިސްޓުންނަކީ ބޭސްފަރުވާގެ އިލްމަށް ހާއްސަކުރެވިފައިވާ ޔުނިވާސިޓީތަކާ ކޮލެޖުތަކުން މަތީ ތައުލީމު ހާސިލުކޮށް މެޑިސިންގެ ރޮނގުން ޑޮކްޓަރުކަން ކިޔަވައިގެން ތިބޭ ބައެކެވެ. ނަފްސާނީ ބަލީގެ އިލްމަށް ސައިކޭޓްރިސްޓުން ހާއްސަވަނީ، މެޑިކަލް ޑޮކްޓަރުކަން ކިޔެވުމަށްފަހުގައެވެ. ސައިކޭޓްރިސްޓުންނަކީ ޑޮކްޓަރުންކަމުން، ނަފްސާނީ އަދި ޖިސްމާނީ މައްސަލަތަކުގެ ގުޅުންތައް ދެނެގަނެވެއެވެ. ހަމަ އެހެންމެ ސައިކޭޓްރިސްޓުންނަކީ ނަފްސާނީގެ ބައްޔަށް ބޭސް ލިޔެދިނުމުގެ ހުއްދަ އޮންނަ ފަންނީ ބައެކެވެ.

ތަމްރީނު

ސައިކޭޓްރިސްޓުން

ސައިކޭޓްރިސްޓުންނަކީ ކުރިންވެސް ދެންނެވިފަދައިން މެޑިކަލް ޑޮކްޓަރުންނެވެ. އާންމު ގޮތެއްގައި 11 ނުވަތަ އެއަށްވުރެވެސް ގިނަ އަހަރުގެ ތަމްރީނުތައް ފުރިހަމަކޮށްގެން ތިބި ތަޖުރިބާކާރު ޑޮކްޓަރުންތަކެކެވެ. ޔުނިވާސިޓީއިން މެޑިކަލް ޑިގްރީ ފުރިހަމަ ކުރުމަށްފަހު ދެން އޮތް އަހަރެއް ނުވަތަ 2 އަހަރެއްހާ ދުވަސް ހޭދަކުރަނީ އާންމު ޑޮކްޓަރަކަށްވުމަށެވެ. އެއަށްފަހު ނަފްސާނީ ބަލިތައް ދެނެގަނެ، އެ ބަލިތަކަށް ފަރުވާކުރާނެ ގޮތް ދަސްކޮށް، އުނގެނި، ތަމްރީނުވުމަށް 5 އަހަރު ދުވަސް ހޭދަކުރެއެވެ.

ސައިކޮލޮޖިސްޓުން

ސައިކޮލޮޖިސްޓުންނަކީ ވަކި ހާއްސަ ބެލުމުގެ ދަށުން ޔުނިވާސިޓީގައި 6 އެއްކަ އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރާ ފަންނުވެރިންނެވެ. ސައިކޮލޮޖިސްޓުންގެ ގޮތުގައި އާންމުކޮށް ހިދުމަތް ދެވޭނީ ސައިކޮލޮޖީގެ ރޮނގުން އެންމެ ދަށްވެގެން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްގެންނެވެ. ބައެއް ސައިކޮލޮޖިސްޓުންނަކީ ސައިކޮލޮޖީގެ ރޮނގުން ޕީއެޗްޑީ ހާސިލުކޮށްފައި ތިބޭ ބައެއްކަމުން އެމީހުންގެ ނަމުގެ ކުރިއަށް ޑރ އިތުރުކުރެއެވެ. ނަމަވެސް މިއީ މެޑިކަލް ޑޮކްޓަރުން ނޫންކަން ހަނދާނުގައި ބަހައްޓާ، އެކަމަށް ސަމާލުވާންޖެހެއެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓުންނަކީ ނަފްސާނީ ބަލި ދެނެގަނެ، އެ ބަލީގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް ހާއްސަ ތަމްރީނުތަކެއް ދެވިފައިވާ ބައެކެވެ.

ފަރުވާ

ސައިކޭޓްރިސްޓުން

ސައިކޭޓްރިސްޓުންނަކީ ނަފްސާނީ ބަލީގެ ފަރުވާ ހޯދަންދާ ޕޭޝަންޓުންނަށް ތަފާތު އެކި ގޮތްގޮތުން ފަރުވާ ދިނުމުގެ ތަޖުރިބާއާއި ތަމްރީނު ލިބިފައިވާ ބައެކެވެ. އަދި އެ ބަލި މީހަކަށް ހާއްސަ ފަރުވާތައް ވަކިވަކިން ދެނެގަތުމުގެ ތަޖުރިބާވެސް ސައިކޭޓްރިސްޓުންގެ ކިބާގައި ހުރެއެވެ. މީގެ ތެރޭގައި:

  • ބޭސް ލިޔެދިނުން
  • ޖިސްމާނީ ދުޅަހެޔޮކަން ދެނެގަނެ، ބޭހެއްގެ ސަބަބުން ކުރިމަތިވެދާނެ ސައިޑް އިފެކްޓްސްތައް ދެނެގަނެވުން
  • ނަފްސާނީ ބަލީގެ ފަރުވާތައް ފޯރުކޮށްދިނުން
  • ބަލި މީހާގެ ސިކުނޑި ތަމްރީނުކޮށްގެންދޭ ފަރުވާތައް ފޯރުކޮށްދިނުން

ސައިކޮލޮޖިސްޓުން

ސައިކޮލޮޖިސްޓުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ ކްލަޔަންޓުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށެވެ. މިކަން ކުރާނީ އެކި ކަހަލަ ތެރަޕީތަކުގެ ތެރެއިންނެވެ. އެގޮތުން ވާހަކަ ދައްކައިގެން ކަންކަން ހައްލުކޮށްދިނުމާ، ނަފްސާނީ ތަރައްގީއާއި ގުޅިފައިވާ ސިކުނޑީގެ ކަސްރަތުތައް ކުރަން ދަސްކޮށްދީގެން ކްލަޔަންޓުންނަށް ފަރުވާދިނުން ހިމެނެއެވެ.

ހިދުމަތްދޭ ބަލިތައް

ސައިކޭޓްރިސްޓުން

ސައިކްރޭޓިސްޓުން އާންމުކޮށް ފަރުވާކުރާނީ ބަލި މީހާގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައެވެ. ސައިކޭޓްރިސްޓުންގެ ފަރާތުން ހިދުމަތް ހޯދާ މީހުންނަކީ އާންމުކޮށް ނަފްސާނީ ބަލީގެ އެންމެ ވޭނުގައި އުޅެމުންދާ މީހުންނެވެ. ސައިކޭޓްރިސްޓުން ފަރުވާދޭ ބައެއް ޕޭޝަންޓުންގެ ތެރޭގައި އިންތިހާއަށް ގޮސްފައިވާ ޑިޕްރެޝަން ނުވަތަ މާޔޫސްކަމުގެ ތަކުލީފު އުފުލާ މީހުންނާ، ސިޒޯފްރޭނިއާ ޕޭޝަންޓުންނާ ބައިޕޯލާ ޑިސްއޯޑާ ހުންނަ ޕޭޝަންޓުން ހިމެނެއެވެ. މީގެ އިތުރުން އަމިއްލައަށް މަރުވުމުގެ ފިކުރު ހުންނަ މީހުންނާ އެފަދަ ކަމެއް ކުރަން މަސައްކަތްކުރި މީހަކަށް ފަރުވާކުރާނީވެސް ސައިކޭޓްރިސްޓުންނެވެ.

ސައިކޮލޮޖިސްޓުން

ސައިކޮލޮޖިސްޓުން އާންމުކޮށް ފަރުވާކުރާނީ ކުރިންވެސް ބަޔާންކުރި ފަދައިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ތަމްރީނާ ކަސްރަތުތަކުން ފަރުވާކުރެވިދާނެ ވަރުގެ މީހުންނަށެވެ. މީގެ ތެރޭގައި އުނގެނުމުގައި ލަސްކަމެއް ހުންނަ މީހުންނާ، ހިސާބަކަށް ޑިޕްރެޝަންއާއި އެންޒައިޓީ ހުންނަ ޕޭޝަންޓުންވެސް ހިމެނެއެވެ.

އެޕޮއިންޓްމަންޓް ހޯދުން

އަމިއްލަ މީހާއަށް ނުވަތަ ގާތް މީހަކަށް ނަފްސާނީ އެހީތެރިކަން ބޭނުންކަމުގައި ހީވާނަމަ، ވީ އެންމެ އަވަހަކަށް އެފަދަ ފަރާތެއްގެ އިރުޝާދާ ލަފާ ހޯދުން ބުއްދިވެރިއެވެ. އެމީހަކަށް ބޭނުންވަނީ ސައިކޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީކަން ކަށަވަރު ނުވާނަމަ ޖެނެރަލް ޕްރެކްޓިޝަނާ ނުވަތަ އާންމު ބަލިތަކާ ބެހޭ ޑޮކްޓަރެއް ނުވަތަ ފިޒީޝަނެއް ނުވަތަ އެތެރެ ހަށީގެ ބަލިތަކާ ބެހޭ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ރާއްޖޭގައިވެސް ނަފްސާނީ ބަލީގެ ފަރުވާދޭ ހޮސްޕިޓަލުތަކާ ކުލިނިކުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މެންޓަލް ހެލްތް ސެންޓަރަކީ އާސަންދައިގެ ދަށުން ސައިކޭޓްރިސްޓުންނާ ސައިކޮލޮޖިސްޓުންގެ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ މަރުކަޒެވެ. މީގެ އިތުރުން ޕްރައިވެޓް ކުލިނިކުތަކާ ހޮސްޕިޓަލުތަކުންވެސް ނަފްސާނީ ބަލީގެ ފަރުވާ ލިބެން ހުރެއެވެ. މި ގޮތަށް ހިދުމަތް ލިބިގަންނަ ނަމަ ސަމާލުވާންވީ، ހިދުމަތްދޭ ސައިކޭޓްރިސްޓް ނުވަތަ ސައިކޮލޮޖިސްޓަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގައި ރެޖިސްޓްރީކޮށް، ހިދުމަތް ދިނުމުގެ ހުއްދަ އޮންނަ ސައިކޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓެއްކަން ކަށަވަރުކުރުމެވެ.