ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ފަރާތުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފިއެވެ.
އެންޑީއެމްއޭގެ ފަރާތުން މި ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާކުރީ އެމްއެންޑީއެފްގެ ލީޑާޝިޕާއެކު މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، އެންޑީއެމްއޭގެ ފަރާތުން ޑްރޯންތައް ހަވާލުކޮށްދެއްވީ، އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަންއާއި، ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑިރެކްޓާ ޖެނެރަލް ސަފީނާޒެވެ. އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުހައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމަޑާންޓް، ކާނަލް އަބްދުﷲ އިބްރާހީމެވެ.
އެންޑީއެމްއޭއިން ހަދިޔާކުރި މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓާ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާޗް އެންޑް ރެސްކިޔު (އެސްއޭއާރު) ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓާ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރި ޑްރޯންތަކެކެވެ.
ޑްރޯންތައް ހަދިޔާކުރުމަށް މިއަދު ބޭއްްވި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުންގެ އިތުރުން، އެންޑީއެމްއޭގެ ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.