ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވީ، ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް މިއަދު ފެށި 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' އާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ މައްސަލާގައި އޭނާގެ އިހުމާލެއް ނުވާނެ ކަމަށެވެ. ނަމަވެސް، އެ މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ އަންނަ މައްސަލައިގައި އޭނާއަށް ފާޑުކިއުން އަމާޒުވެފައިވާ ކަމަށެވެ. އެގޮތުން، އޭނާ އަމިއްލައަށް ކޯޓާ ވިއްކަވާ ވާހަކަ ވެސް ބައެއް ފަރާތްތަކުން ދައްކާ ކަން ފާހަގަ ކުރައްވާ ފައްޔާޒް ވަނީ އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅުލައްކައަށް އަރާނެ ކަމަށާއި، ސީދާ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވާއިރު، މި އަދަދުގެ ދެބައިކުޅަ އެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ކޮންމެ ގައުމަކުން ލޭބަރުންގެ ގޮތުގައި މީހުން ގެނެވޭ އަދަދެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ބަންގްލަދޭޝް އަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާތީ އެއް އަހަރު ވަންދެން ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން ވަނީ މަނާކޮށްފައެވެ.