4 ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖުދިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، 4 ފަނޑިޔާރެއްގެ 5 މައްސަލައެއް ބަލަން ނިންމީ، އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން މައްސަލަ ބެލުމާ މެދު ގޮތް ނިންމާ ކޮމިޓީން ބެލުމަށް ފަހު ކަމަށެވެ. ޖޭއެސްސީން ބުނީ މި ހުރިހާ މައްސަލައަކީ ވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކަމަށެވެ.

ޖޭއެސްސީން ބެލުމަށް ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލައަކާއި، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްގެ މައްސަލައެއް އަދި ސިވިލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ މައްސަލައެއްގެ އިތުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަހުމަދު ޝަރީފްގެ ދެ މައްސަލައެވެ.

ޖޭއެސްސީން މިހާރަކަށް އައިސް ފަނޑިޔާރުންނައި ބެހޭ ގިނަ މައްސަލަތަކާއި ޝަކުވާތައް ދަނީ ބަލަމުންނެވެ. އަދި މައްސަލަ ބެލުމަށްފަހު، އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ، ޖޭއެސްސީން އެ ފިޔަވަޅު ވެސް އަޅައެވެ.