ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ނިޔާވެފައިވާ ގދ.ތިނަދޫ، ޒިޔާދާ ނައީމް ނިޔާވި މައްސަލަ ކުރިއަށް ނުދާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
ދުންޔާ ވިދާޅުވީ، ޒިޔާދާގެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ނުލިބޭތާ މިހާރު އެތައް މަހެއް ވެފައިވާ ކަމަށާއި، ޒިޔާދާއަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި، އޭނާގެ އާއިލާއިން ތިބީ އިންތިޒާރުގައި ކަމަށެވެ. އަދި މި މައްސަލަ އަވަސް ކޮށްދިނުމަށް ގޮވާލައްވަމުން ދުންޔާ ވަނީ މި ސަރުކާރުން ޒިޔާދާގެ މައްސަލައަށް އެއްވެސް އަހަންމިއްޔަތު ކަމެއް ނުދިނުމަކީ، އޭނާގެ އާއިލާއަށް އަދި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ދެރައެއް ލިބެމުންދާ ކަމެއް ކަމަށެވެ.
ދުންޔާ ވިދާޅުވީ މިފަދަ މައްސަލަތަކަށް ސަރުކަރުން އަހަންމިއްޔަތުކަން ނުދޭނަމަ މިކަހަލަ ކަންކަން ކުރާ މީހުންނަށް އިތުރަށް ހިތްވަރު ލިބޭނެ ކަމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން އިހުސާސް ނުކުރެވޭނެ ކަމަށެވެ.
ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.
ފިރިމީހާގެ މަައްޗަށް އުފުލުނު ހަތަރު ދައުވާ ސާބިތުނުވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފާހަގަ ކުރެވުނު ކަންކަމާ ގުޅޭ އިސްތިއުނާފު ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
ޒިޔާދާގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މިދިޔަ އޭޕްރިލް 14 ވަނަ ދުވަހު މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އުންސުރުތައް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭނެ ހެކި ގަރީނާ ޝަރީއަތަށް ހުށަހެޅުނު ކަމަށާއި، އެ ހެކި ގަރީނާތަކަށް އެކަށީގެންވާ ބުރަދަން ޝަރީއަތުން ދެއްވާފައިވާކަމަށް ގަބޫލު ނުކުރާކަމަށް ބުނެއެވެ.
2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާ އަކީ އޭނަގެ ފިރިމީހާ ޝާހު، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެެކެވެ.