ނިއު ޔޯކް ކޮންވެންޝަންގައި ސޮއިކުރެވުމަކީ ދިވެހިރާއްޖެއަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއު ޔޯކް ކޮންވެޝަންގައި ސޮއި ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ބަންޑާރަނައިބު ވިދާޅުވީ، މި ކޮންވެންޝަންގައި ސޮއިކުރުމަކީ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒަލޫޝަން (އޭޑީއާރް)ގެ އުސޫލުތަކުގެ ދަށުން މައްސަލަތައް ހައްލުކުރުމަށް ދިވެހި ސަރުކާރުން ސަމާލުކަންދޭ މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.

އަދި މިއީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ފަހި މާހައުލެއް ގާއިމު ކޮށްދީ އިންވެސްޓަރުންގެ އިތުބާރު ކަށަވަރު ކުރުމަށް ސަރުކާރުން ހިފާފާއިވާ އަމާޒު އަންގައިދޭ ކަމެއް ކަމަށެވެ.

ދިވެހި ރާއްޖެއިން މި މުއާހަދާގައި ސޮއިކުރުމާއެކު، އެމެރިކާއިން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ.

ނިއު ޔޯކް ކޮންވެޝަންއަކީ ބައިނަލްއަގުވާމީ އާބިޓްރޭޝަންގެ މައްސަލަތައް ހައްލުކުރުމަށް 1958 ވަނަ އަހަރު އެކުލަވާލާ، 1959 ވަނަ އަހަރު ތަންފީޒުކުރަންފެށި ބައިނަލްއަގުވާމީ މުއާހަދާއެކެވެ. ދިވެހިރާއްޖެއަކީ މި މުއާހަދާ ގައި ސޮއިކުރި 161 ވަނަ ގައުމެވެ.