ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ ގައުމުތަކުން ޑިޕްލޮމެޓިކް ފެންވަރުގައި ބައްދަލުކުރާ އެންމެ ބޮޑު ބައްދަލުވުމަކީ އދގެ އާންމު ޖަލްސާއެވެ. އދގެ މެމްބަރު ގައުމުތަކުގެ 74 ވަނަ އާންމު ޖަލްސާ (ޔޫއެންޖީއޭ) އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މައި އިދާރާގައި އަންގާރަ ދުވަހު ފަށާފައިވާއިރު، ކުރިއަށް އޮތް އަހަރު ދުވަހު އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ނައިޖީރިއާގެ ޑިޕްލޮމެޓް ތިޖާނީ މުޙައްމަދު ބާންދޭއެވެ. މިހާރު ކުރިއަށްދާ 74 ވަނަ ޔޫއެންޖީއޭ ސަމިޓްގެ ޝިއާރުވެސް ކަނޑައަޅުއްވާ ފާސްކުރައްވާފައިވަނީ ތިޖާނީއެވެ.

މިއަހަރުގެ ޝިއާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަން ނައްތާލުމާ، ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ، ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުމަށް ފުރުސަތު ފަހިކުރުމަށް ވީހާވެސް ގިނަ ގައުމުތަކެއް ބައިވެރިވެގެން މަސައްކަތް ކުރުމުގެ މައްޗަށެވެ.

ޔޫއެންޖީއޭ ސަމިޓް ކުރިއަށް ދާ ގޮތަށް ބަލާއިރު އެންމެ ހާއްސަ ނަމްބަރަކީ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބަހުސް ނުވަތަ ތަގުރީރެވެ. ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފަށަން ތާވަލުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުކަން ދިވެހި ހާރިޖިއްޔާއިންވަނީ ކަށަވަރުކޮށްދީފައެވެ. އިސްވެރިންގެ ސަމިޓްގެ ތާރީހަށް ބަލާއިރު، އެންމެ ފުރަތަމަ ތަގުރީރުކުރަނީ ބްރެޒީލްގެ އިސްވެރިޔާއެވެ.

ޔޫއޭންޖީއޭގެ ބާރުތައް

ބައިނަލްއަގުވާމީ މައްސަލަތަކުގައި މެމްބަރު ގައުމުތަކުން އަމަލުކުރަންވީ ރަނގަޅު ގޮތްކަމަށް ބަޔާންކުރާ ކަންކަން އެ ގައުމުތަކަށް އަންގައިދިނުމުގެ ބާރު ޔޫއެންޖީއޭއަށް ލިބިގެންވެއެވެ. ސިޔާސީ، އިގުތިސޯދީ، އިންސާނީ، އިޖުތިމާއީ އަދި ގާނޫނީ ކަންކަމުގައި ލަފާދިނުމުގެ ބާރުވެސް ޔޫއެންޖީއޭއަށް ލިބިގެންވެއެވެ. މިފަދައިން އދގެ އާންމު މަޖިލީހުން ކުރި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 2000 ވަނަ އަހަރު ކަނޑައެޅި އާ ސާސްކަފުގެ ލަނޑުދަނޑިތަކުގެ އަމާޒުތަކެވެ. އަދި އެއާ ވިދިގެން 2015 ވަނަ އަހަރު އެކުލަވާލި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކެވެ.

އދގެ އާންމު މަޖިލީހުން ކުރާ ބައެއް އިތުރު މަސައްކަތްތަކުގެ ތެރޭގައި:

  • އދގެ ބަޖެޓް އެކުލަވާލުމާ ފާސްކުރުން
  • ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބޭ ދާއިމީ ނޫން މެމްބަރުން އިންތިހާބުކުރުން
  • ބައިނަލްއަގުވާމީ ސަލާމަތާ ސުލްހައާއި ގުޅުންހުރި ކަންކަމާ މަޝްވަރާކޮށް، އދގެ ޗާޓަރާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ކުރުން (ސަލާމަތީ މަޖިލީހުގައި އެކަމާ ގުޅޭ ބަހުސެއް ކުރިއަށް ނުދާނަމަ)
  • ބައިނަލްއަގުވާމީ މައްސަލަތާ ގުޅޭ ދިރާސާތައް ކުރަން ހުށަހެޅުން
  • އުފެދިފައިވާ ބޮޑެތި މައްސަލަތަކަށް ސުލްހަވެރި ހައްލުތައް ހުށަހެޅުން
  • އދގެ އިދާރާތަކުން ހުށަހަޅާ ރިޕޯޓްތައް ދިރާސާކުރުން

ޔޫއެންޖީއޭގައި ކަންކަން ފާސްކުރަނީ ކިހިނެއް؟

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި މެމްބަރު ކޮންމެ ގައުމަކަށްވެސް، ކޮންމެ މައްސަލައެއްގައިވެސް ދެވޭނީ 1 ވޯޓެވެ. ކިތަންމެ ބޮޑު ގައުކަމަށް، ކިތަންމެ ކުޑަ ދައުލަތަކަށްވިއަސް މިކަން އޮންނަނީ މި އުސޫލުންނެވެ. އާންމު މަޖިލީހުގައި ވޯޓަށް އަހާ މުހިންމު ކަންކަމުގެ ތެރޭގައި ސަލާމަތާ ސުލްހައާއި ގުޅުންހުރި ކަންކަމާ، އދއަށް އާ މެމްބަރުން ބަލައިގަތުމާ ބަޖެޓްއާއި ގުޅުންހުރި ކަންކަން ހިމެނެއެވެ. މިފަދަ ކަންކަން ފާސްކުރުމަށް މެމްބަރުގައުމުތަކުގެ 3 ބައި ކުޅަ 2 ބައިގެ އަގުލަބިއްޔަތު ބޭނުންވެއެވެ. އެހެން މައްސަލަތަކުގައި ވޯޓަށް އެހުމަށްފަހު މެޖޯރިޓީ ބުރަވާ ކޮޅަކަށް ކަންކަން ނިންމާލައެވެ.

އދގެ އާންމު މަޖިލީހުގައި ކުރިއަށްދާ މަތީ ފެންވަރުގެ މަޝްވަރާތައް މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްފަހު، އާންމު ޖަލްސާގެ އިތުރު އެޖެންޑާ އައިޓަމްތައް މިއަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ގައުމުތައް ތަމްސީލުކުރަމުންދާނީ އެގައުމުތަކުން އދގައި ހަރަކާތްތެރިވާ މިޝަންތަކާ އިސް ޑިޕްލޮމެޓުންނެވެ.