ގައުމީ ޓެނިސް ޗެންޕިއަންޝިޕްގެ ސްޕޮންސަރަކަަށް ބީއެމްއެލް ހަމަޖައްސައިފި އެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި ބީއެމްއެލްއިން މިއަދު ސޮއި ކޮށްފިއެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރުއެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖްރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް 3 އަހަރު ގައުމީ ޓެނިސް ޗެންޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތްވެސްމެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މިއީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސާޝިޕެއްކަމަށާއި، މި އަހަރަކީ ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސާޝިޕް އިތުރަށް ހާއްސަ ވެގެންދާ ކަމަށެވެ.

ބީއެމްއެލްއިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލްއަކީ ގައުމީ ފުޓްބޯޅަޓީމް ތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޔޫތް ޑިވެލޮޕްމަންޓް ޕާރޓްނާގެ އިތުރުން ސުވިމިންގް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ނޭޝަންވައިޑް ޕާރޓްނާ އަކީވެސް ބީއެމްއެލްއެވެ.