މިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގިޝަން އާއި ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސާ ޑީޖޭ ޕާންޑިއަންއާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގް އާއި މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާނެއެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލު އާއި، ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި، ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓާ މަރިޔަމް ބައްސާމާ ފާރޫގެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށް ވެސް އެ މިނިސްޓަރީން ބުނެފައިވެއެވެ.