އައިޖީއެމްއެޗުން 'ވޯލްޑް މެންޓަލް ހެލްތް ވީކް' ފާހަގަ ކުރުމަށް ހަރަކާތްތަކެއް ރާވައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، ރާއްޖޭގައި މެންޓަލް ހެލްތް ވީކްް ފާހަގަ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ މެންޓަލް ހެލްތް ސެންޓަރުން ގިނަ ހަރަކާތްތަކެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށް ދާނީ މި ހިނގާ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ނަފްސާނީ ބަލިތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ސެންޓަރުން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ނަފްސާނީ ބަލިތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމާއި، އާޓް އެގްޒިބިޝަނެއްގެ އިތުރުން "އަ ވޯކް ފޯ މެންޓަލް ވެލްބީން" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް މެންޓަލް ހެލްތް ވީކް އަކީ މުޅި ދުނިޔޭގައި ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަ ކުރާ ހަފްތާއެކެވެ.

އައިޖީއެމްއެޗްގައި ހުންނަ މެންޓަލް ހެލްތް ސެންޓަރު ހުޅުވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވައުދުތަކު ތެރޭގައި ހިމެނޭ ކަމެކެވެ. މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުމާއި، އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދެވޭނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ އިތުުރުން ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރިހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ހިދުމަތްތައް ދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.