މިޔަންމާގައި އަދިވެސް ރޯހިންޏާ ދަރިކޮޅުގެ ހަ ލައްކައެއްހާ މީހުން އެބަތިބި ކަމަށާއި، އެމީހުން ތިބީ ގަތުލުއާންމުގެ ޝިކާރައަކަށް ވުމުގެ ނުރައްކަލުގެ ތެރޭގައި ކަމުގެ އިންޒާރު، އދގެ ތަހުގީގު ޓީމަކުން ދީފިއެވެ.

ހަމަމިއާއެކު، 2017 ވަނަ އަހަރުގެ ގަތުލުއާންމުން ސަލާމަތްވުމަށް މިޔަންމާ ދޫކޮށްދިޔަ މިލިއަނެއްހާ ރެފިއުޖީން އަނބުރާ ގައުމަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އދގެ ޓީމުންވަނީ ބުނެފައެވެ.

މިޔަންމާގެ މަސްރަހު ދިރާސާކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިދިޔަ އަހަރު އެކުލަވާލި ޓީމުން ސިފަކުރާ ގޮތުގައި މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ރޯހިންޏާ މުސްލިމުންނާ ދެކޮޅަށް ހިންގާފައި ވަނީ ގަތުލުއާންމެކެވެ. އަދި މިކަމާ ގުޅިގެން މިޔަންމާގެ އިސްވެރިންނާ ދެކޮޅަށް ދައުވާކުރުމަށް ވެސް އދއިން ވަނީ ނިންމާފައެވެ.

ތަހުގީގު ޓީމުން އެންމެ ފަހުން އާންމުކުރި ރިޕޯޓް ބުނާ ގޮތުގައި ރޯހިންޏާ މުސްލިމުން ދިރިއުޅެމުންދާ ރާހީން ސްޓޭޓްގެ ހާލަތު އަދިވެސް ދަނީ ގޯހުން ގޯހަށެވެ. ގަތުލުއާންމު ހިންގުމުގެ ނިޔަތް މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ގެންގުޅޭ ކަމަށާ، ރޯހިންޏާ ދަރިކޮޅުގެ މީހުން ތިބީ އިންތިހާ ނުރައްކަލުގެ ތެރޭގައި ކަމަށް މި ރިޕޯޓް އިންޒާރުކުރެއެވެ.

ކަންމިހެން އޮތްއިރު، މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އދގެ ހޯދުންތަކަށް އިންކާރުކުރަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާއިން ސިފަކުރާ ގޮތުގައި އދގެ ރިޕޯޓަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ރިޕޯޓެކެވެ.