ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އިންސާފުން އެކަން ކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކޮމެޓީން، އެ ކޮމެޓީގެ މެންބަރު ކަމުން އަހްމަދު ތޮލާލް އަދި އެ ކޮމިޓީގެ ނައިބު ރައީސް ކަމުން މުހައްމަދު މުއިއްޒު އަދުނާން އިސްތިއުފާ ދެއްވައިފިއެވެ.
ފްލެޓް ކޮމިޓީން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތް ކުރައްވަމުން ފްލެޓު ކޮމެޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެއްވޭ ކަމަށެވެ. އަދި ދެފަރާތުގެ އެއްބަސްވުމާއި އެކު ކޮމިޓީން އިސްތިއުފާ ދެއްވީ، އެ މަސައްކަތަށް އެކަށީގެންވާ ވަރަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދީ ކޮމިޓީގެ މަސައްކަތްތައް ހަލުވި ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފްލެޓް ކޮމިޓީން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވާ މުއިއްޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓް ކޮމެޓީގެ މެންބަރުކަމުން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިސްތިއުފާ ގަބޫލު ވެސް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތޮލާލްގެ ބަދަލުގައި ފްލެޓް ކޮމެޓީ އަށް އައްޔަން ކޮށްފައިވާ އާ މެންބަރަކީ، ގާނޫނީ ވަކީލެއް ކަމަށްވާ ތޯހާ މުހައްމަދެވެ. ތޯހާ އާއެކު މިހާރު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބަވާނީ މުހައްމަދު މުއިއްޒު އަދުނާން، ޝީރީން ނާހިދާ ލަތީފު، ފާތިމަތު ރަޝީދާ، އަލީ ޝުހައިލް މުހައްމަދެވެ،