އިސްރާއީލުގައި މިއަދު ކުރިއަށްގެންދާ އެގައުމުގެ އާންމު އިންތިހާބުގައި ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫއާއި އެންމެ ގާތުން ބޮޑުވަޒީރު ކަމަށް ވާދަކުރަމުންދާ އެކަކީ ބެންޖަމީން (ބެނީ) ގަންޓްޒްއެވެ. އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމުވެސް މީގެ ކުރިން އަދާކުރި ގަންޓްޒަކީ އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ ކިލަނބުވެފައިވާ ތަސްވީރު ސާފުކޮށްދޭނެ މީހާކަމަށް އިސްރާއީލުގެ ގިނަ ބަޔަކު ބުނެއެވެ.

ނަތަންޔާހޫގެ އިދިކޮޅު ކެންޑިޑޭޓްގެ ގޮތުގައި އާންމު އިންތިހާބާ ކުރިމަތިލާނެކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގަންޓްޒް އިއުލާންކުރިއިރު، އޭނާގެ ވަނަވަރުގައި ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތެވެ. ނަމަވެސް އުމުރުން 60 އަހަރުގެ ގަންޓްޒްއަށް އިސްރާއީލުގެ ރައްޔިތުން ކުރާ އިތުބާރު، އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ބެނީ ގަންޓްޒްގެ ކެމްޕޭން ޕޯސްޓަރެއް ހަރުކުރަނީ/ފޮޓޯ: އައްމާރު އަވާދު

ތެލް އަވީވް ޔުނިވާސިޓީއިން ތާރީހުގެ ރޮނގުން ބެޗެލާޒް ޑިގްރީ ހާސިލުކުރުމަށްފަހު ހައިފާ ޔުނިވާސިޓީއިން ޕޮލިޓިކަލް ސައިންސްގެ ރޮނގުން މާސްޓާސް ޑިގްރީ އަދި އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީއިން ނޭޝަނަލް ރިސޯސް މެނޭޖްމަންޓްގެ ރޮނގުން 2 ވަނަ މާސްޓާސްއެއް ގަންޓްޒް ފުރިހަމަކުރިއެވެ.

ސެންޓްރިސްޓް ފިކުރުގެ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑާޝިޕް ޓިކެޓުގައި އިންތިހާބަށް ނިކުމެ ހުރެ ގަންޓްޒް ބުނަމުންދިޔައީ، އިސްރާއީލިގެ ވީދި، ބައިބައިވެފައިވާ އިޖުތިމާއީ ފޭރާން އަލުން ހެޔޮވަރުކޮށްލާނެ ލީޑަރަކީ އޭނާ ކަމަށެވެ.

ޒާތީ މިޒާޖުން ފެށިގެން ގޮސް ސިޔާސީ އެޖެންޑާއަށް ބެލިކަމުގައި ވީ ނަމަވެސް ގަންޓްޒްއަކީ ނަތަންޔާހޫގެ ދިމާ އިދިކޮޅު ކެންޑިޑޭޓްއެވެ.

އަލްއަޤްޞާ މިސްކިތަށް ނުވަދެވޭނެހެން އިސްރާއީލުގެ ފުލުހުން ޖަހާފައިވާ ބެރިކޭޑް ކައިރީގައި ކުޑަކުދިންތަކެއް މަޑުކޮށްލައިގެން/ފޮޓޯ: ރޮއިޓާޒް

މިއީ މިއަހަރުގެ ތެރޭގައި އިސްރާއީލުގައި ކުރިއަށް ގެންދާ 2 ވަނަ އާންމު އިންތިހާބުކަން މިހާ ހިސާބުން ފާހަގަކުރަންޖެހެއެވެ. މިއަހަރުގެ އޭޕްރިލް މަހު އިސްރާއީލުގައި ކުރިއަށް ގެންދިޔަ އިންތިހާބުގައި ނަތަންޔާހޫއާއި ގަންޓްޒްއަށްވެސް ކާމިޔާބު ކުރެވުނީ 35 ގޮނޑިއެވެ. ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުން ނަމަ އިއްތިހާދު ހަދަންޖެހެއެވެ. ނަމަވެސް އެކަން ކާމިޔާބު ކުރުމަށް ނަތަންޔާހޫ ފެއިލްވި ހިސާބުން، 2 ވަނަ އިންތިހާބަކަށް ގޮވާލިއެވެ. އޭރު ސިޔާސީ ގޮތުން ނަތަންޔާހޫ މަގުބޫލުކަން އިންތިހާއަށް ކުޑަވެއްޖެއެވެ. ކޮރަޕްޝަންގެ ދައުވާތަކެއް ނަތަންޔާހޫގެ ދެމަފިރިންނާ ދެކޮޅަށް އޮތީ ފެންމަތިވެއެވެ. ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ކޯޓުން އިއްވާ ހުކުމަކަކާއެކު މަގާމު ގެއްލުން އޮތީ މާ ދުރަކު ނޫނެވެ.

ގަންޓްޒް އުފަންވީ އިސްރާއީލަށް ހިޖުރަކުރި ދެމަފިރިއަކަށެވެ. ގަންޓްޒް އުފަންވީ އިސްރާއީލުގެ ދެކުނުގެ އަވަށަކަށް، 1959 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ޒުވާން އުމުރުގައި އަސްކަރިއްޔާއަށް ވަނެވެ. އެއީ 1977 ވަނަ އަހަރުގެ ތެރޭގައެވެ. މާ ގިނަ ދުވަހެއް ނުވެ އިސްރާއީލު އެއާފޯސް އޮޕަރޭޝަންސްގެ ކޮމާންޑަރުކަން ކުރަން ފެށިއެވެ. އެއަށްފަހު ދެން ފެނިގެންދިޔައީ ހުޅަނގު އައްސޭރީގައި އޮތް އިސްރާއީލު އަސްކަރިއްޔާގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ތަނެވެ.

އިސްރާއީލުން ދިން ވަރުގަދަ އުދުވާންތަކުގައި ޣައްޒާއިން ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ/ފޮޓޯ: އަލްޖަޒީރާ

ގަންޓްޒްގެ ޒާތީ ވަނަވަރު ބުނާ ގޮތުގައި އިސްރާއީލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އަސްކަރީ އޮފިޝަލުގެ މަގާމުވެސް އޭނާ ވަނީ އަދާކޮށްފައެވެ. އެއީ 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހުރީވެސް ގަންޓްޒްއެވެ. މިއީ މި ފަހުގެ ތާރީހޫގައި އިސްރާއީލުން އެންމެ ގަދައަށް ގައްޒާއަށް ހަމަލާދެމުން ދިޔަ ދުވަސްވަރުވެސްމެއެވެ.

2015 ވަނަ އަހަރު އަސްކަރިއްޔާއިން ރިޓަޔާކުރުމާއެކު ގަންޓްޒްވަނީ ހަމާސްވެސް ވެރިންނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔައީ އޭނާގެ ކޮމާންޑަރުކަމުގެ ދަށުގައި ކަމަށް ބުނެ، އެކަމާ ފަހްރުވެރިވާކަން ހާމަކޮށްފައެވެ.

އިސްރާއީލުން ދިން ވަރުގަދަ އުދުވާންތަކުގައި ޣައްޒާއިން ޝަހީދުވި މާބަނޑު ޒުވާނެއްގެ އާއިލާއިން ހިތާމަފާޅުކުރަނީ/ފޮޓޯ: ރޮއިޓާޒް

ބޮޑުވަޒީރުކަމުގެ މަގާމަށް ފައިވިއްދައިގެން ހުރި ގަންޓްޒްގެ ފަލަސްތީނު ސިޔާސަތަށް ބަލާއިރު ނަތަންޔާހޫއާއި މާ ބޮޑު ތަފާތެއް ނެތެވެ. ހުޅަނގު އައްސޭރީގައި އޮތް އުރުދުން ވާދީއަކީ އިސްރާއީލުގެ ކޮންޓްރޯލް ހިންގާ ސަރަހައްދަކަށް ހެދުމަކީ ގަންޓްޒްގެ ފިކުރެވެ. އިރުމަތީ ގުދުސްއާއި މުޅި ފަލަސްޠީނަށް އިސްރާއީލުގެ ކޮންޓްރޯލް ހިންގުމަކީ ގަންޓްޒްގެ ސިޔާސީ އެޖެންޑާގެ ހުލާސާއެވެ. އިސްރާއީލާ ފަލަސްޠީނަކީ ވަކިވެފައިވާ މިނިވަން 2 ދައުލަތްކަމުގައި ވުމުގެ ފިކުރެއް އެ އެޖެންޑާއަކު ނެތެވެ. އެހެންކަމުން، ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ކޮންމެ މީހަކު ފެނުނު ކަމުގައި ވީ ނަމަވެސް، މެދުއިރުމަތީގެ މައިދާނުގައި ލޭ އޮހަރަމުންދާ މުސްލިމުންނަކަށް ހަމަޖެހުމެއް އޮތްކަމުގައި ނުދެންނެވޭނެއެވެ.