ކޮންމެ މީހަކީވެސް ގައުމަށްޓަކައި، އަމިއްލަ ދިރިއުޅުމަށްޓަކައި، މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ރާއްޖެއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިފަދައިން ގޮވާލެއްވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، "ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ރާއްޖެއަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮންނަ ގައުމެއްކަމަށާއި، އެންމެ ކުރިއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން ކަމަށެވެ. ނަމަވެސް މިއަދު މިފަދަ މައުރަޒެއް ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރާއިރު މިފަދަ ހުނަރުތައް ތަރައްގީނުވެ ހުރީ ކީތްވެގެންތޯ ވިސްނާލުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ މުޅި ދިވެހި ގައުމުގެ ގައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައި ދޭނެކަމެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ބޮޑަށް އަމާޒު ހިއްޕަވާފައި ވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށް ކަމުގައެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންނުވެރި މީހުން ތިބި ނަމަވެސް އަޅާނުލެވި ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އެފަދަ މަސައްކަތްތެރީންގެ މަސައްކަތްތައް ހީނަރުވެފައިވާކަމަށާއި، ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމުގައެވެ. އަދި، މިފަދަ މައުރަޒެއްގެ ތެރެއިން ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، ހުރިހާ އެންމެންވެސް، ހާއްސަކޮށް ދިވެހި ޒުވާނުން މިފަދަ ފަހި ފުރުސަތު ތަކުގެ ބޭނުން ހިފައި، ދިރިއުޅުން އާރާސްތުކޮށް، ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމް ކޮށްގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.