އަނިޔާކުރި ހަތް ފުލުހުންގެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހެޅީ އެ ފުލުހުންނާ މެދު ފިޔަވަޅު ލުއި ކަމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

އަނިޔާ ކުރި ހަތް ފުލުހުންނަކީ، މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު މ. އުޖާލާގެއަށް ވަދެ މީހަކު ހައްޔަރުކުރަން އުޅެ، ފުލުހުން އަނިޔާވެރި ގޮތަކަށް އެމީހާ ގައިގައި ތަޅާ އަނިޔާ ކުރި މައްސަލައިގައި، އެ އޮޕަރޭޝަނުގައި ހިމެނޭ ހަތް ފުލުހުންނެވެ. އެ މައްސަލާގައި މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު ފުލުހުންގެ މައްސަލައާ ގުޅޭގޮތުން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ޕޮލިސް ކޮމިޝަނާ ވަނީ މުރާޖައާ ކުރުމަށް ހުށަހަޅުއްވާފައެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕޮލިސް ކޮމިޝަނާ ހުށަހެޅުއްވީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން މީގެ ކުރިން މިފަދަ މައްސަލަތަކުގައި އަޅާފައިހުރި ފިޔަވަޅުތަކާ އަޅާބަލާއިރު، އެކަށީގެންވާ ވަރަށް ލުއި ކަމަށް ގަބޫލު ކުރެވޭތީ އަލުން ބަލާދިނުމަށް ކަމަށެވެ.

މ. އުޖާލާގެއަށް ވަދެ ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ފުލުހުންގެ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ ބޯޑުން ވަނީ ތުހުމަތުކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމެންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑް އަތުލުމަށް ނިންމާފައެވެ. ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލި އެ ހަތް ފުލުހުންގެ މައްސަލަ މިހާރު އޮތޯ ފުލުހުންގެ އިސްތިއުނާފު ކޮމިޓީގައެެވެ.

ޖޫން ހަވަނަ ދުވަހު މ. އުޖާލާގެއިން މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހިފައިގެން ވަނީ ހަތް ފުލުހެކެވެ. އަދި އެ ފުލުހުން ވަނީ އެމީހާ ގައިގައި އަތުންނާއި ފައިންނާއި ގާ ބުރިން ވެސް ތަޅާފައެވެ. އެރޭ އާންމުވި ވީޑިއޯގައި ފެންނަނީ ދެ ފުލުހަކު ވެގެން އެމީހާ ގައިގައި ހިފަހައްޓާފައި ހުރި ތަނެވެ. އަދި އެތަނުން އެހެން ފުލުހަކު އޭނާގެ މޫނުމަތީގައާއި ބޮލުގައި އަތުން ތަޅައެވެ. އަދި އޭނާގެ ފަހަތުގައި ހުރި ފުލުހަކު އަރައިގެން ހުރި ބޫޓުން އޭނާގެ ބުރަކަށީގައި ޖެހި އިރު، އެހެން ފުލުހަކު ވަނީ ގާބުރިއަކުން އޭނާގެ އަތުގައި ތަޅާފައެވެ.

ހަތް ފުލުހަކު ވެގެން މީހަކަށް ރަހުމްކުޑަގޮތަކަށް އަނިޔާކުރި މައްސަލައިގައި އެ ފުލުހުން ވަގުތުން ވަޒީފާއިން ވަކިކުރުމަށް އާންމުން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް އައީ ބަލަމުންނެވެ.