ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލްސް ގުޅިގެން ހިންގި "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އެކްސައިސައިޒް ނިންމުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މޭޖާ ޝަމާލްގެ ވާހަކާގައި މިއަދުގެ ސަލާމަތީ މާހައުލުގައި މިފަދަ ތަމްރީންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، މި އެކްސަސައިޒްގެ ބައިވެރިންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސައިސައިޒްގައި އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ވަނީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެފައިވާއިރު، މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމެރިކާ ނޭވީ ސީލްސްގެ ސިފައިންނެވެ.