ރާއްޖެ ޓީވީން ގެނެސްދޭ ޝޯއެއް ކަމަށްވާ، "މާކަނާ ޝޯ"ގައި ބޭނުން ކުރާ ބަސްތައް ބޭނުން ކުރަނީ ޝޯގެ އާންމު ހަމާގައި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، މާކަނާ ޝޯގައި ހުތުރު ބަހުރުވައިން ކޮންޓެންޓް ގެނެސްދީފައި ވާތީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި، ގަވާއިދު އަދި ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް އެ ޕްރޮގްރާމް ގެނެސްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމުގެ ސަބަބުންނެވެ.

އެގޮތުން، ނަޝީދު ވިދާޅުވީ، މާކަނާ ޝޯ އަކީ ކުޑަކުދިން ޓީވީ ބަލާގަޑީގައި ދައްކާ ޝޯ އަކަށް ނުވެފައި، އެ ޝޯގައި ބޭނުންކުރާ ބަސްތައް ބޭނުން ކުރަނީ ޝޯގެ އާންމު ހަމަތަކުގައި ކަމަށެވެ. އަދި މީޑިއާ ސެންސާ ކުރުމުގައި ވަރަށް ވިސްނަން ޖެހޭނެ ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެފަދަ ޕްރޮގްރާމެއްގައި ހިފަހައްޓާ އާންމު ހަމަ ހިފަހައްޓާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މާކަނާ ޝޯ

މާކަނާ ޝޯގެ ކޮންޓެންޓް އިސްލާހު ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އެންގީ، މިދިޔަ އޭޕްރީލް މަހު ދެއްކި ޝޯގެ ހަތަރު އެޕިސޯޑެއްގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ބުނެއެވެ. އަދި މި ކޮންޓެންޓް އިސްލާހު ކުރުމަށް އެންގީ މި ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ބުނީ، ބްރޯޑްކާސްޓްކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ އެ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، އެފަރާތަކުން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކަށް އެފަރާތަކުން ޒިންމާވާންޖެހޭ ކަމަށެވެ.