ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 'ހައިލީ ރިކޮމެންޑް' ކުރާ ދެ ނަމަކީ، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ ނަން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މިއަދު ބޭއްވި އެކޮމިޝަނުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފައިވާ ފަރާތްތަކާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަންތަކާއެކު މަގާމަށް ޝަރުތު ފުރިހަމަވި ފަރާތްތަކާ އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރު ކޮށްފައިވާ ރިޕޯޓް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަގާމަށް އައްޔަން ކުރުމަށް ކޮމިޝަނުން އިސްކަންދޭ ތަރުތީބުން ރައީސް ސޯލިހާ މަޝްވަރާ ކުރުމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ދިޔާނާ އަދި މަހާޒުގެ ނަމަށް އެންމެ ބޮޑު އިސްކަމެއް ދީފައި ވާއިރު، އެ ކޮމިޝަނުން ވަނީ 'ރިކޮމެންޑެޑް' ތިން ނަމެއް ވެސް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ނަން ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންތަކަކަށް ބިނާކޮށް އެ މަޖިލީހުން ފާސް ކޮށްގެންނެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ދީދީ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ.