މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލައި، މަރާލާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ރިޟްވާން ގެއްލިފައިވާ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނެވި، މިހާރުގެ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާއި، ފުލުހުންގެ އިންޓެލްގައި މަސައްކަތް ކުރާ ދެ ފުލުހުން ގުޅިގެން ރިޟްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައި ވާކަން ދެއްކުމަށް ޓްރެވެލް ޑޮކިއުމަންޓެއް ތައްޔަރު ކުރުމުގެ މަސައްކަތް ކުރައްވައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނުން އެކަން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ރަސްމީކޮށް ޖޭއެސްސީއަށް އަންގާފައި ވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން ފަނޑިޔާރު ހަސަން، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާ ވާޖިބު ތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ފަނޑިޔާރު ހަސަން ސަސްޕެންޑް ކުރުމަށް މިއަދު ނިންމާފައި ވާއިރު އެ ކޮމިޝަނުން ވަނީ މިމަހު 4 ވަނަ ދުވަހު، ރިޟްވާންގެ މައްސަލާގައި މަރު ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅިގެން ފަނޑިޔާރު ހަސަންގެ މައްސަލައެއް ބަލަން ފަށާފައެވެ. މި މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އަދި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.