މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މަގުހުރަސް ކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށްގެންދިޔަ ހާއްސަ ހަރަކާތުގެ ސަބަބުން ހެޔޮބަދަލުތަކެއް ފެންނަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފުލުހުންގެ މުއައްސަސާއާއި މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.