ގަދަކަމުން ގެންގޮސް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި އިތުރު މީހަކު ހޯދަން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެެވެ. އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެ މައުލޫމާތު ކޮމިޝަނަށް އަންގައިދިނުމަށް އެދިފައިވެއެވެ.

ކޮމިޝަނުން އާންމުކުރި ވީޑިއޯއިން ފެންނަނީ އޮގަސްޓް 8، 2014 ގައި މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް އަށް ރަތްކުލައިގެ ސައިކަލެއްގައި އައިސް ފެރީ ކިއުގައި މަޑުކޮށްގެން ހުންނަ ޒުވާނެކެވެ. އޭނާ ލައިގެން ހުރީ ކްރީމް ކުލަފާޑަކަށްދާ ކުލައިގެ ގަމީހަކާއި އެކުލައިގެ ޖިންސެކެވެ. އޭނާ ދުއްވަން އިނީ ރަތްކުލައާއި ކަޅު ކުލައިގެ ވޭވް ސައިކަލެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފެރީ ކިއުއަށް އަރަނީ ދަންވަރު 12:20 ހާއިރުއެވެ. އަދި ސައިކަލުގައި އައިސް ކިއުގައި މަޑުކުރުމަށްފަހު ފޯނާ ކުޅެން ސައިކަލުމަތީގައި އިނުމަށްފަހު ޓާމިނަލްތެރެއަށްދާ މަންޒަރު ފެނެއެވެ.

ގަދަކަމުން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސް ކަނޑުމަތީގައި އޮތް ދޯންޏަކަށް ގެންދިއުމަށްފަހު ރިޟްވާންގެ ކަރުބުރިކޮށް މަރާލާފައިވާ ކަމަށް މަރުކޮމިޝަނުން ތަހުގީގަށް މިހާތަނަށް ވަނީ އެނގިފައެވެ. ރިޟްވާން ގެއްލުވާލާފައިވަނީ އޮގަސްޓް 13، 2014 ދުވަހުގެ ދަންވަރުއެވެ.