އާދައިގެ އަސްކަރީ ހަތިޔާރާ އުކުޅުތައް ބޭނުންކޮށްގެން އިންޑިއާއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި ޕާކިސްތާނު ބަލިވެދާނެ ކަމަށާއި، އަދި އޭގެ ނަތީޖާ އެހާ ރަނގަޅު ނުވެދާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިއާގެ ނިއުކްލިއާ ބާރުވެރިންގެ ގޮތުގައި އޮތް ޒަމާންވީ ހަތުރުން ކަމުގައިވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ކޮންމެ ފަދަ ވަގުތެއްގައި ވެސް މި ދެގައުމުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވިދާޅުވީ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ދެ ގައުމަކުން އާދައިގެ އަސްކަރީ ބާރުވެރިކަމާއެކު ހަނގުރާމައެއް ކޮށް ބަލިވެއްޖެނަމަ، އެކަމުގެ ސަބަބުން ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
ކުރަންޖެހިދާނެ ހަނގުރާމައެއްގެ މިސާލުން މިސާލު ޖައްސަވަމުން އިމްރާން ވިދާޅުވީ، އާދައިގެ ހަތިޔާރާއެކު ކުރަމުންދާ ހަނގުރާމައެއްގައި ޕާކިސްތާނު ބަލިވަމުންދާނަމަ އޮންނާނީ 2 ގޮތެއް ކަމަށާ އެއީ އަމާންދީ ދޫކޮށްލުން ނުވަތަ އަމިއްލަ މިނިވަންކަން ކަށަވަރުކުރުމަށް ފުރާނައިން ގުރުބާންވެގެންވެސް ހަނގުރާމަ ކުރުން ކަމަށެވެ. އެގޮތުން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަކީ ޕާކިސްތާނަކީ މަރުވަންދެކަށްވެސް މިނިވަންކަމަށް ހަނގުރާމަ ކުރާނެ ގައުމެއް ކަމަށާ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައި އޮތް ގައުމަކުން ކުރާ ހަނގުރާމައެއްގެ ނިމުން މާ ރަނގަޅު ނުވާނެ ކަން ކަމަށެވެ.
ބައިނަލްއަގުވާމީ ފޯރަމްތަކާ ބައްދަލުވުންތަކަށް ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ ގެންދަނީ އެހެންވެ ކަމަށާ، އިންޑިއާގެ ސަބްކޮންޓިނެންޓްގެ އިން ފަހަނައަޅާ ގޮސްދާނެ ބޮޑު ކާރިސާއަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުން މުހިންމު ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި އިންޑިއާއާއި ކަޝްމީރުގެ ގުޅުން އިންތިހާއަށް ހޫނުވެފައިވަނީ، ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަން ލިއްބައިދިން މާއްދާ 370، މިދިޔަ އޯގަސްޓް މަހު އުވާލި ހިސާބުންނެވެ. އެމައްސަލާގައި ޕާކިސްތާނުން ދަނީ ބައިނަލްއަގުވާމީ އެކި ބައްދަލުވުންތަކުގައި އިންޑިއާއާއި ދެކޮޅަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން، ކުރިއަށް އޮތް އދގެ މެމްބަރު ގައުމުތަކުގެ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ކަޝްމީރުގެ މައްސަލަ ނަންގަވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.