ސައުދީގެ ދައުލަތުން ހިންގަމުންދިޔަ ތެޔޮ ކާރުހާނާތަކަކަށް އަމާޒުކޮށް މިދިޔަ ހަފުތާ ބަންދުގައި ހޫތީ ހަނގުރާމަވެރިން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަމަލާއާއި ގުޅިގެން ބައިނަލްއަގުވާމީ ތެލުގެ ސަޕްލައިގެ 5 ޕަސެންޓް ސަޕްލައިއަށް ބުރޫއަރާފައިވާއިރު، ފާއިތުވީ 4 މަސްދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ތެލުގެ އަގުތައް ވަނީ އުފުލިފައެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި އަގުތައް އުފުލިފައިވާ ގޮތަށް ބަލާއިރު އިނގިރޭސިވިލާތުގެ ބްރެންޓް ޕެޓްރޯލިއަމްއިން ނެރޭ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 19 ޕަސެންޓް އުފުލި، ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 71.95 ޑޮލަރަށް އަރާފައެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ސާފުނުކުރާ ތެލުގެ އަގުން 15 ޕަސެންޓް ބޮޑުވެ، ފީފާއެއްގެ އަގުވަނީ 63.34 ޑޮލަރަށް އުފުލިފައެވެ. ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި ކޮންމެވެސް ވަރަކަށް އަގުތައް މިވަގުތު ހިފެހެއްޓިފައި އޮތީ އެމެރިކާގެ ތެލުގެ ރިޒާވުން ބައެއް ނެރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިޒުނަ ދެއްވި ހިސާބުން ކަމަށް ވިޔަފާރީގެ ޚަބަރުތައް ބުނެއެވެ.

ސައުދީ އިސްވެ އޮވެ ހޫތީންނާ ދެކޮޅަށް ޔަމަނުގައި ކުރަމުންދާ ހަނގުރާމާގައި މަރުވަމުންދަނީ ކުށެއް ނެތް މައުސޫމު ބައެއް ކަމަށް ބުނެ އެކަމަށް ބަދަލު ހިފުމުގެ ރޫހުގައި ހޫތީން ސައުދީއަށް ދެމުންދާ ހަމަލާތަކުގައި އެންމެ ފަހުން ހަމަލާ އަމާޒުވި 2 ކާރުހާނާގެ ތެރެއިން 1 ކާރުހާނާއަކީ މުޅި ދުނިޔޭގައިވެސް ހިންގާ މިފަދަ އެންމެ ބޮޑު ކާރުނާނާއެވެ. މި ކާރުހާނާތަކަށް ހަމަލާ ދިނީ 10 ޑްރޯންއެއް ބޭނުންކޮށްގެން ކަމަށް ހޫތީން އަމިއްލައަށް އިއުތިރާފުވެފައިވާއިރު، މިކާރުހާނާތަކުގެ އޮޕަރޭޝަންތައް އިހުނާ އެއްގޮތަށް ފެށުމަށް އަދި ހަފުތާތަކެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

ސައުދީގެ ހަކަތައާއި ބެހޭ ވަޒީރު ޕްރިންސް ޢަބްދުލްޢަޒީޒު ބިން ސަލްމާން ވިދާޅުވީ، ތެލުގެ ސަޕްލައިއަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ތެލުގެ ރިޒާވްއިން ބައެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ސައުދީއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރަމުންދާ ގައުމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 7 މިލިއަން ފީފާގެ ތެޔޮ، ސައުދީއިން އެކްސްޕޯޓް ކުރެއެވެ.

މި ހަމަލާތަކުގެ ޒިންމާ ހޫތީން އުފުލިއިރު، އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައި އޮތީ، އެމެރިކާގެ ޒަމާންވީ ހަތުރު ކަމަށްވާ އީރާނެވެ.