އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 20 އަކަށް މުޒާހަރާ، ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ކުރިއަށްދާ ކަމަށް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ކަޝްމީރުގައި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކޮށް، ޔޫނިއަން ޓެރިޓަރީތަކެއްގެ ދަރަޖައަށް އެ ސްޓޭޓްގެ ހައިސިއްޔަތު ދަށްކުރުމަށް މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު ނިންމި ނިންމުމާ ގުޅިގެންނެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލު ވިދާޅުވީ އޯގަސްޓް މަހުގެ 5 ދުވަހުން ފެށިގެން މިހާ ހިސާބަށް އައިއިރު ގާތްގަނޑަޖަށް 722 މުޒާހަރާއެއް ކަޝްމީރުގެ މައި ސިޓީ ސްރީނަގަރު، ބަރަމުއްލާ ޑިސްޓްރިކްޓް އަދި ޕުލްވަމާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި މުޒާހަރާތަކުގައި އާންމުންގެ 200 އެއްހާ މީހުންނާ ސަލާމަތީ ބާރުތަކުގެ 415 އޮފިސަރަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ސަރުކާރުގެ މަސްދަރުން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން 4100 މީހަކު މިހާރުވެސް ތިބީ މައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި 170 ސިޔާސީ ލީޑަރަކު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޮފިޝަލު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ކަޝްމީރުގެ މައްސަލައަކީ ކުރިއަށް އޮތް އދގެ މެންބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އެކަމަކާ ބެހޭ ގޮތުން ހޫނު ބަހުސްތަކެއް ކުރެވިގެންދާނެ މައްސަލައެއް ކަމަށް މުރާސިލުން ލަފާކުރެވެއެވެ.