6 މަސްދުވަހުގެ ތެރޭގައި އިސްރާއީލުގައި 2 ވަނަ ފަހަރަށް ކުރިއަށް ގެންދާ އާންމު އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާއިރު ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ގެންދަނީ އޭނާގެ ސިޔާސީ ކެރިއާ ކަފުން ކުރަންޖެހިދާނެ ކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ.

ކޮރަޕްޝަންގެ 3 މައްސަލައެއްގައި ހަމަ ދެންމެ ދެންމެ ހުކުމަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރެއްގައި ހުރި ނަތަންޔާހޫގެ ސިޔާސީ ޕާޓީއަށް، ހިޔާލު ހޯދުމުގެ ވޯޓުތަކުގައިވެސް އިދިކޮޅު ފަރާތްތަކާ އޮތް ފަރަގު ބޮޑުކުރެވޭ ގޮތެއް ނުވެއެވެ. ކުރިއަށް އޮތް އިންތިހާބުގައި ނަތަންޔާހޫއާއި އެންމެ ގާތުން ވާދަކުރަނީ އިސްރާއީލު އަސްކަރިއްޔާގެ ކުރީގެ އިސްވެރިޔާ ބެނީ ގަންޓްޒްއެވެ. އޭނާ ވާދަކުރަނީ ނަތަންޔާހޫގެ ސިޔާސީ ޕާޓީގެ އެންމެ ބޮޑު ވާދަވެރިންގެ ގޮތުގައި އޮތް ބްލޫ އެންޑް ވައިޓް ޕާޓީއިންނެވެ.

އިސްރާއީލުން ދިން ވަރުގަދަ އުދުވާންތަކުގައި ޣައްޒާއިން ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ/ފޮޓޯ: އަލްޖަޒީރާ

މިފަދަ ހާލެއްގައި ނަތަންޔާހޫގެ ސިޔާސީ ކެރިއަރު އޮތްއިރު، ކަނާތު ފިޔައިގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށް ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓްހާ ބޮޑު ސަރަހައްދެއް އިސްރާއީލުގެ ދަށަށް ގެންދާނެ ކަމަށް ވައުދުވެފައެވެ. އަދި ޔަހޫދީ ހުރިހާ އާބާދުތަކަކީ އިސްރާއީލުގެ އިސްތިގުލާލީ ބާރު ހިންގާ ސަރަހައްދުތަކަށް ހަދާނެކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ. މިއީ ގަވައިދާ ހިލާފަށް އިސްރާއީލުން ވަޒަންވެރިވެފައިވާ ބިންތަކަށް 'ގާނޫނީ ހައިސިއްޔަތު' ދިނުމަށް ނަތަންޔާހޫ ކުރާ ކަމެކެވެ.

ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ އާންމު އިންތިހާބުގެ އަސަރު އެންމެ ގާތުން ކުރާނެ ބަޔަކީ ފަލަސްޠީނުގެ ސިޔާސީ ލީޑަރުން ކަމާ މެދަކު ޝައްކެއް ނެތެވެ.

ރާމަﷲގައި ތިއްބެވި ފަލަސްޠީނުގެ އިސް އޮފިޝަލުން ނަތަންޔާހޫގެ ވައުދު ސިފަކުރެއްވީ ނަފުރަތާ ރުޅިވަރާއެކުގައެވެ. ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފިޝަލެއް ކަމަށްވާ ހަނާން އަޝްރާވީ ވިދާޅުވި ގޮތުގައި ނަތަންޔާހޫ އެ ގެންދަވަނީ ސުލްހައަށް އޮތް ހުރިހާ ދޮރެއް ބަންދުކުރަމުންނެވެ. އަދި ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާ ފަލަސްޠީނު އުފެއްދުމަށް އޮތް ފުރުސަތުވެސް ބަންދުކުރަމުންނެވެ.

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ އިސްރާއީލުން ހުޅަނގު އައްސޭރި ހިފިއަސް ހަގީގަތް ބަދަލުނުވާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަންނަ ގަތުން ހުއްޓުވާލުމަށް ފަލަސްޠީނުގެ ރައްޔިތުން ތެދުވާ ތެދުވުންވެސް އެކަމުގެ ސަބަބުން ހުއްޓުވާ ނުލެވޭ ކަމަށް ހަމާސް އިން ދަނީ ބުނަމުންނެވެ.

ފަލަސްޠީނިއަން އޮތޯރިޓީ (ޕީއޭ)އިން ގެންގުޅެނީ އެއް ފިކުރެކެވެ. ޕީއޭގެ އެޖެންޑާގައި އޮތް ހަމައެކަނީ ކަމަކީ، ކުރިއަށް އޮތް އާންމު އިންތިހާބުގައި ނަތަންޔާހޫއަށް ކާމިޔާބު ނުލިބޭނެ ގޮތް ހެދުމެވެ. ފަލަސްޠީނުގެ މަސްރަހާ ބެހޭ ގޮތުން ދިރާސާތަކެއް ކުރަމުން އަންނަ މުޢީން ރައްބާނީ ބުނި ގޮތުގައި، އިސްރާއީލަށް އެހެން ލީޑަރެއް ލިބިއްޖެނަމަ ފަލަސްޠީނާ އިސްރާއީލުގެ މައްސަލަ ސުލްހަވެރި ގޮތެއްހައި ހައްލުވުމުގެ ފުރުސަތު އެބައޮތެވެ.

ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ގަންޓްޒްގެ ފިކުރަކީވެސް ނަތަންޔާހޫ ބަލިކޮށްލުމެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ބެނީ ގަންޓްޒްގެ ކެމްޕޭން ޕޯސްޓަރެއް ހަރުކުރަނީ/ފޮޓޯ: އައްމާރު އަވާދު

ކަންމިހެން އޮތް ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ މުރާސިލުންގެ ފިކުރު ތަފާތެވެ. އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ނަތަންޔާހޫއަށް އިންތިހާބު ކާމިޔާބުވިޔަ ނުދިނުން ކަމަށް އެ ފަރާތްތަކުން އެއްބަހެއް ނުވެއެވެ. ހަމައެކަނި ނަތަންޔާހޫ ހުއްޓުވާލައިގެން، މިކަން ހުއްޓުވެން ނެތްކަމަށް އެ ފަރާތްތަކުން ބުނެއެވެ.