2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓިން ރިޔާސީ ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް އެ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ކުނޫޒްގައި ބޭއްވި ހަފްލާފައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީއަކީ ދެވަނަ ޕާޓީ ނުވަތަ ތިންވަނަ ޕާޓީގެ ގޮތުގައި އަބަދު ނޯންނާނެ ކަމަށާއި، އެ ޕާޓީއަކީ އެއްވަނަ ޕާޓީގެ ގޮތުގައި ހައްދަވާނެކަމަށެވެ. އެގޮތުން ޕާޓި ބޮޑުކުުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު 30،000 އިތުރު ކުުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ "ރިފޯމް" ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާ ކުރިއަށް އޮތް ތާނގައި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށް ވެގެންދާނެ ކަަށެވެ. އަދި ގާސިމް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

"އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ. އެކަން ކަށަވަރު. އެއީ ކޮން ބޭފުޅެއްތޯ އަޅުގަނޑުތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން،"
ގާސިމް

ގާސިމް ވިދާޅުވީ ޖޭޕީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޕާޓީގެ ލީޑަރު އިންތިޚާބު ކުރާގޮތަށް ވެސް ބަދަލު ގެންނަން ހުށައަޅަން ގަސްތުކުރައްވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އިލްމުވެރިންނާއި، ތައުލީމީ އަދި ބުއްދިވެރިން ބުނަމުން އަންނަނީ ނާކާމިޔާބީއަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށާއި، އެ އުސޫލުން ބަލާނަމަ ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ، ގައުމަށްޓަކައި ކޮށްދޭން ހުރި މަސައްކަތްތަކެއްގެ ގިނަ ގުނަ ބުރަ މަސައްކަތްތަކެއް ކޮށްދޭން އޮތްކަން ދަލީލުކޮށްދޭ ސަބަބެއް ކަމަށެވެ. އަދި އެކަން މިއަދު ފެންނަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވެސް ގާސިމް ވާދަކުރެއްވި އެވެ. ނަމަވެސް އެ ދެ އިންތިހާބުގައި ވެސް ޖޭޕީއަށް ލިބުނީ ނާކާމިޔާބީއެވެ.