ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ގައުމީ ޕްރެސް ކުލަބެއް އުފެއްދެވުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްގީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި އެއީ ހެޔޮވެރިކަމުގެ އެއްބައި ކަމުގައި ވިދާޅުވިއެވެ.

އަދި ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސާވިސް މީޑިޔާގެ ގާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި، ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމު. އެގޮތުން މިނިވަންކަމާއެކު ހަރަކާތްތެރިވާ، ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ، ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،"
ނައިބު ރައީސް

ނައިބު ރައީސް ވިދާޅުވީ މިސަރުކާރު ފެށުނު އިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށާއި، ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު، މިސަރުކާރުން ރައްކާތެރިކޮށްދީފައިވާކަން ފާހަގަކުރައްވައި މިސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ވެސް، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކުކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

އަދި ނޫސްވެރިންނަށް މިނިވަންކަން ދިނުމުން، މި ސަރުކާރަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ކުރީ ފައިދާކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، މިސަރުކާރު ދެމިއޮތްހާ ދުވަހަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވެވިއެވެ.

"ނޫސްވެރިންގެ ހިޔާލާއި ފާޑުކިޔުންތައް ސަރުކާރުން ކިޔައި އަޑުއަހައި ސަރުކާރުން ކުރިޔަށްދަނީ ފާޑުކިޔުންތަކުގެ އަލީގައި، ދައުލަތް ހިންގުމުގެ ކަންކަން އިސްލާހު ކުރަމުން،"
ނައިބު ރައީސް

ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ތަމްރީނާއި މަތީ ތައުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގކުރުމަށް ސަރުކާރުގެ ވިސްނުންހުރިގޮތް ވެސް މި ރަސްމިއްޔާތުގައި ނައިބު ރައީސް ހާމަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ވިދާޅުވިއެވެ.

ހަމައެފަދައިން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުސަތުވެސް، ކުރިމަގުގައި އިތުރުކުރައްވާނެކަމަށާއި މިއާއެކު ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.