ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ރާއްޖޭގައި އިސްލާމްދީން އޮންނާތީ ކަންބޮޑުވެ ވަޑައިގެން ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މީހުން ސޮއިކުރި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިވިވަޑައިގަންނަވަނީ އެކި ފަރާތްތަކުން އެކި ގޮތްގޮތުން މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ރާއްޖެ އޮންނާތީ ބަޔަކު ކަންބޮޑުވެގެން އުޅޭތަން ކަަމަށެވެ. އަދި އެއީ މީހެއް ކަމަށާއި، އެމީހަކީ ކާކުތޯ ކޮށި ކުޑަކޮށްލާފައި ގެންނަކަމުގައިވާނަމަ، އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަމުގައި ހުންނެވި މުހައްމަދު ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުރެ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިގެން އޮތް އިރު، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބާއޭ އެމަނިކުފާނަށް ދެކެވޭ ވާހަކަފުޅު. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، މާތްﷲ ގަންދީ ހުވާކުރެއްވިއިރު އޮންނާނެ [މަޖިލިސް ހުވާގައި] އިސްލާމްދީނަށް ހުރުމަތްތެިރިކޮށް ހިތުމަށާއި، ދިވެހިރައްޔިތުންނަށް އިހްލާސްތެރިވުމަށް މި ޖުމްލަ އޮންނާނެ،"
ގާސިމް

ގާސިމް ވިދާޅުވީ އެހެން އެގޮތަށް އޮތްނަމަވެސް އެމަނިކުފާނު އެކި އަރިމައްޗައް ޖައްސަވައިގެން ގެންދަވާ ބޯޅައިގެން ވަންނަންޖެހޭނީ ކޮންކޮޅަކަށް ކިހިނެއް ބާވައޭ ހިތާ އެ ޖައްސަވަނީ އަމިއްލަ ބައިކޮޅަށް ކަމަށެވެ. އަދި މިގައުމުގެ މަސްލަހަތާއި އަމާންކަން ގެއްލިގެންދާނެ އަދި ފިތުނަ ފަސާދަ އުފެދިގެންދާނެ އެއްވެސް ވާހަކައެއް އެއްވެސް ސިފައެއްގައި ދެއްކުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަަށެވެ.

ގާސިމް ވިދާޅުވީ އެ ފުރުސަތު ކޮންމެ ދީނެއްގައި ހުއްޓަސް އަދި ކޮންމެ މިއްލަތެއްގައި ހުއްޓަސް އަދި ކޮންމެ މަޒުހަބެއްގައި ހުއްޓަސް ގައުމުގެ ރައްޔިތުން ބައިބައިވެގެންދާނެ ގޮތްތަކަކަށް ކަންތައް ކުރެވެމުންދާނަމަ އެއިން ލިބޭނެ ނަތީޖާ ވަރަށް ދެރަވާނެ ކަމަށެވެ. އަދި އެއީ ކުރިމަގަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ޣިޔާސުއްދީން ސްކޫލްގެ އިނާމްދިނުމުގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި ސްކޫލު ކުދިން އެއްކޮށްގެން އެފަދަ ވާހަކަ ދައްކަވަނީ އެ ކުދިންނަށް ކޮން ކަމެއް ވިސްނާއިދެއްވަން ކަމާމެދު ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ ސީދާ ''ރޯމަރު'' ދޮގުހައްދަވާ ބޭފުޅެ ކަމަށާއި، އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މީހުންގެ ތާއިދު ހޯއްދެވުމަށް ''އަނެއް ދިވެހިރާއްޖޭ'' ކިޔައިގެން ކުރިން ރާއްޖޭގައި އޮތް ގައުމިއްޔަތެއް ނުވަތަ ދީން ގެންނަވަން ބޭނުން ނުވާކަމަށް ގާސިމް ވިދާޅުވިއެވެ.