މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު މ. އުޖާލާގެއަށް ވަދެ މީހަކު ހައްޔަރުކުރަން އުޅެ، ފުލުހުން އަނިޔާވެރި ގޮތަކަށް އެމީހާ ގައިގައި ތަޅާ އަނިޔާ ކުރި މައްސަލައިގައި، އެ އޮޕަރޭޝަނުގައި ހިމެނޭ ހަތް ފުލުހުންގެ މައްސަލަ އޮތީ އިސްތިއުނާފް ކޮމިޓީގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، ބޯޑުން ވަނީ ތުހުމަތުކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމެންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑް އަތުލުމަށް ނިންމާފައި ކަމަށެވެ.
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ކަނޑައަޅާ ގަވާއިދުގައި ވާގޮތުން، ކޮމިޝަނާ އޮފް ޕޮލިސްއަށް ވެސް އިސްތިއުނާފް ކުރުމަށް ބާރު ލިބެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބާރުގެ ދަށުން، މި މަހުގެ 11 ވަނަ ދުވަހު ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އިސްތިއުނާފް ކޮމިޓީއަށް އިތުރަށް ބަލާ މުރާޖާ ކުރުމަށް އެ މައްސަލަ ފޮނުވާފައި ކަމަށެވެ.
އަދި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލި އެ ހަތް ފުލުހުންގެ މައްސަލަ މިހާރު އޮތޯ ފުލުހުންގެ އިސްތިއުނާފު ކޮމިޓީގައި ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެެވެ.
މީގެ އިތުުރުން އެ ހަތް ފުލުހުންގެ މަައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ޑިއުޓީ ޕްރޮސެކިއުޝަން އަށް އަދި މި މައްސަލައިގައި ޑޮކްޓަރެއްގެ ރިޕޯޓެއް ބޭނުންވާކަމަށް ޕީޖީ އިން ބުނެފައިިވާތީ އެ ރިޕޯޓް ލިބުމުން މި މައްސަލަ ޕީޖީއަށް ހަވާލުކުރެވޭނެކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ފުލުހުން ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ޖޫން ހަވަނަ ދުވަހު މ. އުޖާލާގެއިން މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހިފައިގެން ވަނީ ހަތް ފުލުހެކެވެ. އަދި އެ ފުލުހުން ވަނީ އެމީހާ ގައިގައި އަތުންނާއި ފައިންނާއި ގާ ބުރިން ވެސް ތަޅާފައެވެ. އެރޭ އާންމުވި ވީޑިއޯގައި ފެންނަނީ ދެ ފުލުހަކު ވެގެން އެމީހާ ގައިގައި ހިފަހައްޓާފައި ހުރި ތަނެވެ. އަދި އެތަނުން އެހެން ފުލުހަކު އޭނާގެ މޫނުމަތީގައާއި ބޮލުގައި އަތުން ތަޅައެވެ. އަދި އޭނާގެ ފަހަތުގައި ހުރި ފުލުހަކު އަރައިގެން ހުރި ބޫޓުން އޭނާގެ ބުރަކަށީގައި ޖެހި އިރު، އެހެން ފުލުހަކު ވަނީ ގާބުރިއަކުން އޭނާގެ އަތުގައި ތަޅާފައެވެ.
މި މައްސަލައިގައި ސަސްޕެންޑް ކުރި ހަތް ފުލުހުންގެ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުން ވަޒީފާއަށް ނެރެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ހަތް ފުލުހަކު ވެގެން މީހަކަށް ރަހުމްކުޑަގޮތަކަށް އަނިޔާކުރި މައްސަލައިގައި އެ ފުލުހުން ވަގުތުން ވަޒީފާއިން ވަކިކުރުމަށް އާންމުން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް އައީ ބަލަމުންނެވެ.