ދެކުނު ރަށެއްގައި ބިދޭސީ ޓީޗަރަކާއި އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިބިކަމަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްގެން އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި ދެކުނު ރަށެއްގައި ސްކޫލްގައި މަސައްކަތް ކުރާ ފިިރިހެން ޓީޗަރެއް، އޭނާ ކިޔަވައިދޭ ސްކޫލްގެ އަންހެން ދަރިވަރަކާ އެކު ކޮޓަރިއެއްގައި އެކަހެރިކޮށް ތިއްބާ އާންމުންގެ ބަޔަކު ނުކުމެ އެމީހުން ވަނީ ބޭރަށް ނެރެފައެވެ. އަދި އެ ޓީޗަރު ފުުލުހުންނާ ހަވާލުކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ސްކޫލް ދަރިވަރަކީ 18 އަހަރުން ދަށުގެ ދަރިވަރެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ދެކުނުގެ ރަށެއްގައި ސްކޫލް ދަރިވަރަކާއެކު ޓީޗަރަކު އެކަހެރިކޮށް ތިބިކަމަށް ހަބަރު ފެތުރިފައިވާ އިރު، މިދިޔަ ޖޫން މަހުގައި ވެސް މެދުރާއްޖެތެރޭ ސްކޫލެއްގެ ދިވެހި ފިރިހެން ޓީޗަރަކު އެކި ފަހަރު މަތިން ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި ޖޫން މަހުގައި ގައުމީ ޔުނިވާސިޓީގައި ކިޔަވައިދޭ ބިދޭސީ ލެކްޗަރާއެއް ފުލައިޓެއްގައި އަންހެނަކަށް ފުރައްސާރަ ކުރި މައްސަލައެއްގައި، އެ ލެކްޗަރާ ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.