ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހއ. އަތޮޅުގައި ބޭންކިން ހިދުމަތް ފުޅާކޮށް، ކެލާ އަދި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމް ކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މިހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ހިދުމަތާއެކު، ހއ. ގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު 5 އަށް އެރާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ޤާއިމް ކޮށްފައިވާ 3 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މިއީ މުޅިރާއްޖެއަށް އަމާޒު ކޮށްގެން ބޭންކިންގެ ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި, ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައި ދެވޭނެ ކަމަށާ، މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 113 އޭޓީއެމް، 5500 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގްގެ ހިދުމަތް ބީއެމްއެލްއިން ފޯރުކޮށް ދެއެވެ.