ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވާ ދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މިފަހަރުގެ އޯއައިސީ ބައްދަލުވުމުގައި އޮތީ ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކާ މަޝްވަރާކުރުމެވެ. ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށެވެ.

އޯއައިސީއަކީ 1969 ވަނަ އަހަރު 57 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެޖޯރިޓީއަކީ މުސްލިމު ގައުމުތަކެވެ. އެގޮތުން މި ޖަމިއްޔާގައި 53 މެންބަރު ގައުމަކީ މުސްލިމު ނުވަތަ އިސްލާމީ ގައުމުތަކެވެ. އޯއައިސީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި މިވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޖޯޑަން ވާދީ އާއި ޑެޑް ސީގެ އުތުރުން ބޮޑު ބައެއް އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ.

ނަތަންޔާހޫ ވިދާޅުވުމުން ފަލަސްތީނާއި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އަދި ސައުދީ އަރަބިއާ ހިމެނޭ ގޮތަށް އަރަބި ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ރާއްޖެއިން ވެސް ވަނީ އެކަމަށް ރައްދު ދީފައެވެ. ރާއްޖެއިން ބުނީ އަދި ނަތަންޔާހޫ އެފަދައިން ވިދާޅުވުމުން ބައިނަލްއަގުވާމީ ފަރާތްތަކާއި، އދ ގެ ސަލާމަތީ މަޖިލީހުން ކުށްވެރި ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރުމަށް އިސްރާއީލަށް އަންގަން ޖެހޭ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. ރާއްޖެއިން ބުނީ ފަލަސްތީންގެ އެއްވެސް ބިމަކަށް ވެރިވެގަތުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު ނިންމުމެއް ކަމަށާ އަދި އެއީ މެދުއިރުމަތީގެ ސުލަހައަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމަށެވެ.