ދިވެހިރާއްޖެ އެހެން ގޮތަކަށް އަނބުރާލަން ބަޔަކު މީހުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޣިޔާސުއްދީން ސްކޫލުގެ "ސްޓޫޑަންޓު އެޗީވްމަންޓު އެވޯޑު 2018"ގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އެހެން ދިމާލަކަށް އަނބުރާލުމަށް މަސައްކަތް ކުރަނީ ދީނީ ގޮތުން އެކަނި ނޫން ކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި ހުރިހާ ދިވެހިންވެސް ބޭނުންވަނީ އިސްލާމްދީނުގެ މަތީގައި ފައިތިލި ސާބިތު ކޮށްގެން ތިބުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކުގެ މީހުން އުޅެމުން އަންނަ ގޮތާއި މުޅިން ތަފާތުކޮށް އުޅެމުން އަންނަ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށެވެ. އެހެންކަމުން އެގޮތްތައް ބަދަލު ކުރުމަށްޓަކައި ގިނަބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ކުރެވޭނީ ގައުމިއްޔަތެއް ބިނާ ކުރެވިގެން ކަމަށެވެ. ގައުމިއްޔަތެއް ބިނާ ކުރެވޭނީ މާޒީއެއް ހޯދައިގެން ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ދިވެހިންގެ ގައުމިއްޔަތު ހޯދޭނީ ދިވެހިންގެ ތާރީހުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިރޭގެ ޖަލްސާގައި ހުކުރު މިސްކިތާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ގައުމިއްޔަތު ފުހެލާންވެގެން މިދިޔަ 20އަކަށް 30އަކަށް އަހަރު ކުރެވިއްޖެ. އެންމެ ބޮޑު ކަމަކަށް ކުރެވުނީ މިސްކިތްތައް ތަޅާލުން، ގަބުރުސްތާނުތައް ތަޅާލުން މާޒީ ފުހެލުން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރެވިގެން ދިޔަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ވާހަކަތަކެއް ނުދައްކަވާ މި ޖަލްސާގައި ރައީސް ނަޝީދު އެންމެ ބޮޑަށް ދެއްކެވީ ދިވެހި ތާރީހުގެ ވާހަކަފުޅެވެ. އެގޮތުން އެމަނިކުފާނު ވަނީ ދިވެހިން ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތައްވެސް ޖަލްސާގެ ހާޒިރިންނާއި ހިއްސާ ކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އުޅެމުން ދިޔަ ގޮތަކީ ގޯސް ގޮތްތަކެއް ކަމަށްބުނެ ވާހަކަތަކެއް ދެކެވެން ފެށި ކަމަށެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް އަޅުގަނޑު އަމިއްލައަށް އެބަ ދައްކަން މިހާރަކަށް އައިސް. އެއީ މި ދިވެހިރާއްޖެ ބަދަލު ކުރުމަށް، އެހެން ގޮތަކަށް އަނބުރާލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫން. އަޅުގަނޑުމެން އެންމެންނަކީވެސް އިސްލާމުން، އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން އުޅެން އަޅުގަނޑުމެން ބޭނުން ވަނީވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ އެހެން ގައުމުތަކުގެ މީހުން އުޅޭ ގޮތާއި ތަފާތުކޮށް އުޅޭ ބައެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އެއްވެސް މީހަކުވެސް އަދި އެއްވެސް ދަރިވަރަކުވެސް ގޮތް ބަދަލު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.