އިންޑިއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިން (ލައިން އޮފް ކޮންޓްރޯލް) ސަރަހައްދުގައި ދެގައުމުން ބަދަލުކުރި ހަމަލާތަކުގައި މަރުވި ޕާކިސްތާނު އަސްކަރިއްޔާގެ ސިފައިންގެ ހަށިތައް ބަލާ ދިޔަ ޕާކިސްތާނުގެ އަސްކަރިއްޔާގެ ޓީމުން އަމާންކަން ރަމްޒުކޮށްދޭ ހުދު ދިދައެއް ވިހުރުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި އޮންނަ ހާޖީޕޫރުގައި މަރާލާފައިވާ ޕާކިސްތާނު ސިފައިންގެ 2 މީހެއްގެ ހަށިގަނޑު ބަލާދިޔަ އަސްކަރިއްޔާގެ ސިފައިން ހުދު ދިދަ ވިހުރުވާފައި ވަނީ، އެމީހުންނަށް އަމާޒުވެދާނެ ހަމަލާއަކުން ސަލާމަތްވުމަށްކަމަށް ޚަބަރު ލިބެއެވެ. އަދި އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ ހަނގުރާމަވެރި ނިޔަތެއްގައި ނޫންކަން އެނގުމަށް ކަމަށްވެސް ޚަބަރު ލިބެއެވެ.

މަރުވި 2 ސިފައިންނަކީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލުކުރި ހަމަލާތަކެއްގައި މަރުވި 2 މީހުންނެވެ. މި ހަމަލާތައް ބަދަލުކުރުންތައް ފެށުނީ، ހަމަލާ ބަދަލުކުރުން މަނާކުރާ އެއްބަސްވުމާ ޕާކިސްތާނުގެ ސިފައިންގެ މީހަކު ހިލާފުވި ހިސާބުން އިންޑިއާއިން ހަމަލާދިނުމާ އެކުގައެވެ.

މި ސަރަހައްދުގައި މަރުވާ ސިފައިންނާ މެދު ޕާކިސްތާނުގެ އަސްކަރިއްޔާއިން އިހާނެތިކޮށް ހިތާ ޚަބަރުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން މާޒީގައި ހިނގާފައިވާ މިފަދަ ހާދިސާތަކުގައި މަރުވި ބައެއް ސިފައިންގެ ހަށިގަނޑުތައް ޕާކިސްތާނުން ދޫކޮށްލުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުތަކާ ހަވާލުވެފައި ވަނީ އިންޑިއާއިން ކަމަށް މައުލޫމާތު ލިބެއެވެ.