ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން ބަންގްލަދޭޝް މީހަކު ޑީޕޯޓް ކޮށްލައިފިއެވެ.

އިމިގްރެޝަނުން ބުނީ، އަބޫ ހާނިފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނަކަށް ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން ޑީޕޯޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި މި މީހާގެ ހުއްދަ ބާތިލުކޮށް، ޑީޕޯޓްކޮށްފައި ވަނީ ރޭ އެއާޕޯޓުން އޭނާ ހިފެހެއްޓުމަށް ފަހުއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ، ދައްކާ ބިރަކަށް ފަހަތަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށާއި، ނުފޫޒުން އެއްކިބާވެ އިމިގްރޭޝަންގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހިދުމަތުގައި އަބަދުމެ ދެމިތިއްބަވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދާނެ ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.

ރާއްޖެއިން ރޭގެ ވަގުތެއްގައި މީހަކު ޑީޕޯޓް ކޮށްފައިވާއިރު އިއްޔެ ވެސް އިމިގްރޭޝަނުން ވަނީ ރާއްޖެއައިސް ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ މީހަކު އަތުލުމަށްފަހު ޑީޕޯޓް ކޮށްލާފައެވެ. އިމިގްރޭޝަނުން ބުނީ ފުލުހުންނާއި ގުޅިގެން ބުރާސްފަތި ދުވަހު ހިންގި ޖޮއިންޓް އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާކަމަށް ތުހުމަތު ކުރެވޭތީއާއި، ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓްކޮށްފައި ވަނީ އެމްޑީ ޝަފީގުލް އިސްލާމް (އާންމު ނަމުން ނަމަ "މާސްޓާ") ނަމަކަށް ކިޔާ ބަންގުލަދޭޝްގެ 49 އަހަރުގެ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ދޮޅުލައްކައެއްހާ ބިދޭސީން އުޅެމުން އަންނައިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ.