ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިގެން ހޯދި އައިމިނަތު ޝިމާގެ މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންޑޭޓުގައި ނުހިމެނޭ ކަމަށް އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ކޮމިޝަންގެ މެންޑޭޓްގައި ޝިމާގެ މައްސަލަ ނުހިމެނެނީ، ކޮމިޝަންގެ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ހިނގާފައިވާ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާތީ ކަމަށެވެ. އެހެންކަމުން ކޮމިޝަނުން އިސްނަގައިގެން ޝިމާގެ މައްސަލަ ނުބެލޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ކޮމިޝަނުން ބަލަނީ ވަކި ތާރީހެއްގެ ތެރޭގައި ހިނގި މައްސަލަތައް. އެއީ 2012 އިން 2018 ވަނަ އަހަރަށް، ގާނޫނުގައި އޮންނަ ގޮތުން. ދެން އޭގެ ފަހުން އަންނަ މައްސަލަތައް އަޅުގަނޑުމެންނާ ބެހޭ މައްސަލައެއް ނޫން. އަޅުގަނޑުމެންނަކަށް އެ ބާރެއް ނޯވޭ،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޝިމާގެ މައްސަލަ ކޮމިޝަނުން ބަލާނަމަ ވަރަށް ގިނަ އެއްޗެހި ބަދަލުކުރަން ޖެހޭނެކަމަށެވެ. އަދި އެކަން ކުރެވޭނީ ކޮމިޝަނުގެ ގާނޫނަށް ބަދަލު ގެނެސް ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
މަރު ކޮމިޝަނުން ޝިމާގެ މައްސަލަ ނުބަލާނެކަމަށް ސުއޫދު ވިދާޅުވީ ޝިމާ ގެއްލުނު މައްސަލަ މަރު ކޮމިޝަނުން ބަލާނެ ކަމަށް އުއްމީދު ކުރާކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނެނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 ގެ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ އެކަމުގެ ހަގީގަތް ހޯދުމެވެ.
ޝިމާ ގެއްލިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. އެހެންކަމުން ކޮމިޝަންގެ މެންޑޭޓްގައި ޝިމާ ގެއްލުނު މައްސަލަ ނުހިމެނެއެވެ.
ޝިމާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެ އަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް އެ ޑިންގީގައި އޭނާއާއި އެކު ދަތުރު ކުރި އިބްރާހީމް ފަޒީލު ބުނެފައި ވެއެވެ. މި މައްސަލަ ފުލުހުން ބަލަމުން ދާ ކަމަށް ވަނީ ބުނެފައެވެ.