ފެލިވަރުގައި ގާއިމްކޮށްފައިވަނީ ވަރަށް ކުޑަ ސްޓޯރޭޖެއް ކަމަށާ، މަސްކިރުމުގައި އުނދަގޫތަކާ ދިމާވަނީ ހުރިހާ މަސްވެރިން ފެލިވަރަށް މަސްކިރުވަން ދާތީ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
"ދަ ޕަރެސް" އަަށް މައުލޫމާތު ދެއްވަމުން ފައުޒީ ވިދާޅުވީ މި ދުވަސްވަރު ރަނގަޅު މަސްވެރިކަމެއް އޮތީ އުތުރުގައި ކަމަށާއި، މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ކެޕޭސިޓީއެއް ފެލިވަރުގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ފެލިވަރުގައި ހުރީ 30 ވަރަކަށް ޓަނުގެ ކެޕޭސިޓީއެއް ކަމަށާ، އެއީ ފްރީޒިން ކެޕޭސިޓީއެއް އެކަނި ކަމަށެވެ.
އޭނާ ވިދާޅުވީ ފެލިވަރުގައި ގާއިމް ކޮށްފައި ހުރި 30 ޓަނުގެ ކެޕޭސިޓީގެ އިތުރުން މިފްކޯގެ ބޯޓު ފަހަރާއެކު ދުވާލެއްގެ މައްޗަށް ނެގެނީ 150 ޓަނުގެ މަސް ކަމަށެވެ. އަދި އެ އަންލޯޑް ކުރަން ބޯޓުތައް ކޫއްޑޫއަން ގޮސް އަނެއްކާވެސް ފެލިވަރަށް ބޯޓުތައް ފޮނުވަމުންދާ ކަމަށެވެ.
ފައުޒީ ވިދާޅުވީ ކޫއްޑޫ ހިމެނޭގޮތަށް ހުރިހާއެއްޗެއް މެނޭޖް ކުރެވިއްޖެއްޔާ ހުރިހާކަމެއް މެނޭޖް ކުރެވޭނެ ކަމަށެވެ. އަދި މަސްވެެރިން ބޭނުންވާނަމަ ކޫއްޑޫއަށް މަސްކިރުވޭނެ ކަމަށާ، ކޫއްޑޫގެ ހުރިހާ ފެސިލިޓީއެއް ހުރީ އެކަމަށް ތައްޔާރަށް ކަމަށެވެ.
ފައުޒީ ވިދާޅުވީ މިހާރު ކުރަމުންދަނީ އާދަޔާހިލާފް ރަނގަޅު މަސްވެރިކަމެއް ކަމަށެވެ. އަދި އެންމެފަހުން މިކަހަލަ މަސްވެރިކަމެއް ދިމާވީ 2005 ވަނަ އަހަރު ކަމަށާއި، އެފަހަރު މިފްކޯއަށް 60،000 ޓަނުގެ މަސް ގަނެފައި އެބަހުރި ކަމަށެވެ. އަދި އެފަހުން ދެކުނުގައި މަސްވެރިކަން އުފެދުނު ފަހުން 7000 ޓަނުގެ މަސް މިފްކޯއަށް ނަގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އުތުރުގައި އޮތީ 2005 ގައި އޮތް ކަހަލަ މަސްވެރިކަމެއް ކަމަށާ، ފެލިވަރުގައި ވެސް ކޫއްޑޫގައި ހުރިވަރުގެ ލޭންޑް އޮޕަރޭޝަން ކެޕޭސިޓީ ހުރިނަމަ މަސްވެރިންނަށް ދަތިތަކެއް ދިމާނުވެ މަސަައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އުތުރުގައި މަސްވެރިކަން ރަނގަޅުވެ ފެލިވަރުން އަންނަނީ ކެޕޭސިޓީ ފުލްވުމުން މަސްވެރިންނަށް ކިޔު ނަންބަރު ދޫކޮށްގެން އެއްވެސް ދޯންޏެއް ދޫކޮށްނުލާ މަސް ކިރަމުންނެވެ.
މީގެ އިތުުރުން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުތަނުން ދަށްވުމާ ގުޅިގެން، ރާއްޖޭގައި މަސް ގަންނަ އަމިއްލަ ކުންފުނިތަކުން މަސް ގަތުމުގައި ލިމިޓް ގެންގުޅޭތީ މިފްކޯއަށް ބާރުބޮޑުވަމުން ދާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިފްކޯއިން އެއްވެސް ކޮންޓްރޯލެއް ނެތި ހުރިހާ މަހެއްވެސް ގަންނަމުން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.